މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރުމުގެ ހައިސިއްޔަތު، އެ ޕާޓީއަށް ގެއްލިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލުނީ އެ ޕާޓީ އުފެއްދި އިރު މަޖިލީހުގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން އެއް މެންބަރަކު ވަކިވުމާ ގުޅިގެންނެވެ. މި ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުގައި ދައުލަތުގެ ބަންޑާރަނައިބުގެ މަގާމަށް ވަޑައިގަތުމަށް، ވިލިމާލޭ ދާއިރާގެ މެންބަރުކަމުން އަހުމަދު އުޝާމް ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން މަޖިލީހަށް އިންތިހާބުވި ތިން މެންބަރުން އެމްއެންޕީ ތަމްސީލް ކުރާނެކަން އޮކްޓޯބަރު 27، 2021 ގައި އެމްއެންޕީ އިން އިއުލާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާ އާ ހަވާލާދެއްވައި އަސަލްމަ ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަށްފަހު، ޕާޓީއެއް ތަމްސީލުކުރަން ތިބި މެންބަރުންގެ އަދަދު އެއްވެސް އިރެއްގައި ތިނަކަށް ވުރެ ދަށް ވެއްޖެނަމަ ޕާޓީ ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލޭނެ ކަމަށެވެ.

އެހެންކަމުން މިވަގުތު މަޖިލީހުގައި ތިއްބެވީ އެމްއެންޕީގެ ދެ މެންބަރުން ކަމުގައިވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މަޖިލީހުގައި ދެން މަސައްކަތްކުރައްވާނީ ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައިކަަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައި ވަނީ މަޖިލީހަށް އިންތިހާބުވުމަށް ފަހު ސިޔާސީ ޕާޓީއެއްގެ ނަމުގައި ތަމްސީލްކުރުމަށް އެދޭ މެންބަރުންގެ އަދަދު އެއްވެސް ވަގުތެއްގައި 3 މެންބަރުންނަށް ވުރެ މަދުވެއްޖެ ނަމަ އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލްކުރުމަށް އެ މާއްދާގެ (ނ) ގެ ދަށުން ލިބޭ ހައިސިއްޔަތު ގެއްލިގެންދާނެ ކަމަށެވެ.