މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއު ވަރަށް އަވަހަށް ފައްޓާނެ ކަމަށާއި އެގޮތުން މާލެ ސަރަހައްދުގައި 75000 ހައުސިން ޔުނިޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

އެ ގޮތުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފުށިދިއްގަރުފަޅާއި، ގުޅީފަޅާއި، ގިރާވަރުފަޅުގައި ކަމަށާއި ވަރަށް އަވަހަށް މި މަޝްރޫއު ފައްޓަވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

މި މަޝްރޫއަށް ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާއިރު، ހާއްސަކޮށް ފުށިދިއްގަރު ފަޅުން ހައުސިން ޔުނިޓްތައް ދޭނީ އެ ސަރަހައްދުގައި ބޭނުންވާ ޒަރޫރީ ވަސީލަތްތައް ގާއިމް ކުރުމަށް ފަހުގައި ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ. އެ ގޮތުން ސްކޫލާއި، ހޮސްޕިޓަލާއި، ދަތުރުފަތުރު ކުރެވޭނެ ނިޒާމްތައް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ޕާކްތަކާއި ކުޅިވަރު ކުޅޭނެ ސަރަހައްދުތަކާއި އިގްތިސޯދީ މަސައްކަތް ކުރާނެ ސަރަހައްދުތައް ވެސް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައުސިން ޔުނިޓްތައް ދޭ އިރު އެ ތަންތަން ލިބޭ ރައްޔިތުންނަށް އުފަލާއި ހަމަޖެހުމާ އެކު ދިރިއުޅެވޭނެ ގޮތް މަގުފަހިކޮށް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ހުޅުވާލާ ހައުސިން މަޝްރޫއުއަކީ މުޅި ރާއްޖެއަށް ހުޅުވާލާ މަޝްރޫއެއްކަން ހައިދަރު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މާލެ ސަރަހައްދުން ދޭ މި ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅޭނީ ހަމައެކަނި މާލެ މީހުންނަށް ނޫން ކަމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ ބަޔަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ހައިދަރު ވިދާޅުވި ނަމަވެސް ސީދާ ފައްޓަވާނެ ތާރީހެއް ހާމައެއް ނުކުރައްވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރެއިން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފުރަތަމަ 14 ދުވަސް ތެރޭ ފަށަން ވަނީ ނިންމާފައެވެ. އެގޮތުން ފުށިދިއްގަރުފަޅުން 1280 ހެކްޓާރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާ އިރު، އަންނަ އަހަރުގެ ބަޖެޓްގައި އެ ސަރަހައްދު ހިއްކުމަށް ވަނީ 400 މިލިއަން ރުފިޔާ ހިމަނާފައެވެ.