ރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ގާއިމު ކުރުމަށާއި މިސްރުގެ މުދައްރިސުން އެތަނުގައި ހަމަޖެއްސުމަށް އެ ގައުމުގެ ސަފީރާއެކު ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރެއްވީ ދިވެހިރާއްޖެއާ މިސްރާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން ވެސް އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި މިނިސްޓަރު އާދަމް ނަސީރު މިސްރުގެ ސަފީރު މާޖިދު މުސްލިހާ އެކު ބޭއްވި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަރަބި ދަސްކޮށްދޭ ސެންޓަރު ގާއިމްު ކުރުމާ ގުޅޭ ގޮތުން މިސްރުގެ ސަފީރު ވިދާޅުވީ، އެ މަސައްކަތަކީ މުސްތަގްބަލުގައި ވަރަށް ފުޅާކޮށް ކުރިއަށް ދާނެ މަސައްކަތެއް ކަމަށެވެ. އެކަމުގެ ސަބަބުން މި ރާއްޖޭގެ އިސްލާމީ ވަހުދަތު، ގައުމީވަންތަކަމާއި އަދި ދެ ގައުމުގެ ސަގާފީ ކަންކަން ވަރުގަދަ ވެގެން ދާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދިވެހިންގެ ސަގާފަތާއި ގައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ތަސައްވަރެއް ކަމަށާއި އެ ތަސައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއް ވީތީ މިސްރުގެ ސަފީރަށް މިނިސްޓަރު އާދަމް ނަސީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މައިގަނޑު ގޮތެއްގައި އެ ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ، އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި މިސްރުގެ ހާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރު ފުރޭ އަހަރަށް ވުމާ ގުޅިގެން އެ މިނިސްޓްރީގެ ދާއިރާއިން ތަފާތު ހަރަކާތްތަކެއް ރާވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ. އަދި ރަހްމަތްތެރިކަމުގެ ރަމުޒުތަކެއްގެ ގޮތުން މިސްރުގެ ވެރިރަށް ގާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ދިވެހިރާއްޖޭގެ މަގަކަށް މިސްރުގެ ނަމެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ.
ހަމައެއާއެކު މިސްރުގައި ދިވެހިރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމު ކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީހީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހެދުމަށް ހުށަހެޅުމުން އެކަންކަން ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި މިސްރުގެ ސަފީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމުގައި މިސްރުގެ އެހީތެރިކަން ލިބޭނެ ކަމާއި، ހާއްސަކޮށް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޝާމިލްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިސްރުގެ ސަފީރު ވަނީ ވިދާޅުވެފައެވެ.