މި ސަރުކާރު ކުރިއަށްދާނީ ހުކުރެއް ހޮނިހިރެއް ބަންދެއް ނެތި، މުއިއްޒު ދުވެލީގައި ކަމަށް މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހަލީލު ވިދާޅުވީ ނޫސްވެރިިން ތިބީ މާޔޫސްވެފައި ކަމަށާއި އެއް ވާހަކައެއް އަހާ އަހާ، ސުވާލުކޮށްކޮށް، އަމަލީ ސިފަ މިގައުމުގައި އަންނަ ތަނެއް ނުފެނުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ތިއްބެވި ވަޒީރުން ކުރައްވާނެ ކަމަށް ވިދާޅުވާ މަސައްކަތްތައް ކުރެވޭނެ ކަމާ މެދުގައި ވެސް ނޫސްވެރިން ސުވާލު އުފައްދަވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އެގޮތަށް އެހެން ވަނީ މާޔޫސްވެގެން ތިބީމައި ކަމަށާއި އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ތަފާތުވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނާ ވެސް ތަފާތުވާނެ ކަމަށާއި 17 ނޮވެމްބަރު ފެށި ދަތުރު ކުރިއަށް ދާނީ މުއިއްޒު ދުވެލީގައި ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ "މުއިއްޒު ދުވެލީގައި" ސަރުކާރު ހިނގަމުން ދާނީ ހުކުރެއް، ހޮނިހިރެއް ބަންދެއް ނެތި ވަޒީރުންނާއި މެނޭޖިން ޑިރެެކްޓަރުންނާއި ޗެއާމަނުންނާއި އައްޔަން ކުރެއްވި އެހެން ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މެނިފެސްޓޯގެ އަމާޒުތަކަށް ބެލިއަސް އެހެން ކަންކަމަށް ބެލިޔަސް ދިރާސާ ރަނގަޅަށް ކުރައްވައިފިއްޔާ ޑރ. މުއިއްގެ ތަފާތުކަން އެނގިގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ މުއިއްޒު ދުވެލީގައި ކުރިއަށްދާއިރު ނޫސްވެރިންނަށްވެސް ވަރަށް ގިނަ ގިނައިން ޕްރެސްތަކަށް ދައުވަތު ދެއްވާނެ ކަމަށާއި ފޮނުވާނެ މީހެއް، ކެމެރާއެއް، ވަގުތު ނެތިގެން މީޑިއާތަކުގެ ވެރިން އެ ވާހަކަދައްކާހާ ގިނައިން ޕްރެސްތައް ބާއްވާނެ ކަމަށެވެ. އަދި ޕްރެސްތަކުގެ އިތުރުން އިންޓަވިއުތައް ކުރިއަށް ގެންދަވާނެ ކަމަށާއި މީޑިއާއަށް އޮންނާނީ ހުޅުވާލާފައި ކަމަށް ހަލީލު ވިދާޅުވިއެވެ.