އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ފަލަސްތީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސަރުކާރަށް ގޮވާލައްވައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގެ ބަހުސް މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ސައުދުގެ ގަރާރަށް ބަހުސްކުރުން އެޖެންޑާނުކުރުމުން، ބައެއް މެންބަރުން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ހުންނެވީ އެ ގަރާރު އެޖެންޑާނުކުރައްވަން ނޫން ކަމަށް ވިދާޅުވެ، މެންބަރުންގެ މެދުގައި އަރާފައިވާ އޮޅުންތައް އެ ދުވަހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަސްލަމް ސާފުކޮށްދެއްވިއެވެ

އަސްލަމް ފާހަގަކުރެއްވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ކުރިއަށް ގެންދާނެ ގޮތް ފާސްކުރުމަށް ރިޔާސަތުން ހުޅުވާލުމުން އެއްވެސް މެންބަރަކު އެކަމާ ގުޅޭ ގޮތުން އިއްޔެ ވާހަކައެއް ނުދައްކަވައެވެ. ހަމަ އެހެންމެ މިއަދުގެ ޖަލްސާ ފެށުނު އިރު ވެސް އެއްވެސް މެންބަރަކު ރިޔާސަތުގެ ސަމާލުކަމަށް މިކަން ނުގެންނަވާ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

"އެ ވަގުތުގަ ވެސް އޭގެ ކުރިން ވެސް އަދި މަޖިލީހުގެ ވަރަށް ބައިވަރު މަސައްކަތްތައް މިހާރު ވެސް ހުންނާނެ އެޖެންޑާގެ ތަރުތީބަށް ބަދަލު ގެންނަން، އެޖެންޑާގައި އިސްފަސްކަމެއް ގެންނަން، މީން އެއްވެސް ވާހަކައެއް އެއްވެސް މެންބަރަކު ދައްކަވާފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

މާދަމާގެ ޖަލްސާ އަށް ސައުދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރުމަށް އެޖެންޑާކޮށްފައި ވަނީ، އިޒްރޭލުގެ މީހުން އައުން މަނާކުރުމަށް ސަރުކާރަށް ލަފާދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ. ކޮމިޓީގެ މެންބަރުން މިފަދައިން ނިންމެވީ އެ ކޮމިޓީގެ މެންބަރު އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ކޮމިޓީ އަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީ އަށް މަޝްވަރާކުރުމަށްފަހުގައެވެ.

މީގެ އިތުރުން، އިމިގްރޭޝަންގެ ގާނޫނު އިސްލާހުކޮށް އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ، މިއަދުގެ ވަގުތެއްގައި މަޖިލީހަށް ހުށަހަޅައިފައެވެ. ބިލު ހުށަހެޅުއްވިކަން ހާމަކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖެ ވެސް ހިމެނޭ އޯއައިސީގެ އެކި ގައުމުތަކުން އިޒްރޭލުގެ ޕާސްޕޯޓްުގައި އަންނަ ފަރާތްތައް އެ ގައުމުން އެތެރެވުން މަނާ ކުރުމަށް އެކި ފިޔަވަޅުތައް އެ ކޯޕަރޭޝަންގެ ގައުމުތަކުން އަޅާފައިވާ ކަމަށެވެ.

މީގެ ކުރިން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަރުގަދަކޮށް ހިންގަމުން ގެންދާ އުދުވާނުގައި ޣައްޒާ އިން 12 ހާހަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން އިޒްރޭލުގެ އަނިޔާވެރި ސިފައިން ވަނީ ޣައްޒާގެ އެތައް ހޮސްޕިޓަލެއް ބިމާ ހަމަކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު، އިޒްރޭލުގެ މީހުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި ގިނަ ބަޔަކު މަޖިލީހުގެ ދޮށުގައި ސުލްހަވެރި އިހްތިޖާޖެއް ކޮށްފައި ވެއެވެ. މާދަމާ ހެނދުނު މަޖިލީހުގެ ދޮށުގައި އިހްތިޖާޖު ކުރިއަށް ގެންގޮސް، ފޮރިން މިނިސްޓްރީގެ ކުރިމަތީގައި އަޑުއުފުލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.