ގެއްލިގެން ހޯދަމުންދިޔަ ކުޅުދުއްފުށި ސިޓީ ލަންދޫގެ، އަބްދުﷲ އިބްރާހިމް 2 ހަފްތާ ފަހުން މާލެއިން ފެނިއްޖެއެވެ.
އުމުރުން 39 އަހަރުގެ އަބްދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އަބްދުﷲ އިބްރާހީމް ހުރީ މާލޭގައި ކަމަށާއި ހާލު ރަނގަޅުކަމަށް މިދިޔަ ބުރާސްފަތި އޭނާގެ އާއިލާއަށް ގުޅައި ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ ފެނިފައި ވަނީ ހަބަރެއް ނުވެގެން އާއިލާއިން މި މަހުގެ 03 ވަނަ ދުވަހު ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އާއިލާއާއި ހަވާލާދީ އޭރު ފުލުހުން ބުނީ އަބްދުﷲ އިބްރާހިމް އެންމެ ފަހުން ފެނިފައި ވަނީ ނޮވެމްބަރު 2 ވަނަ ދުވަހު ހެނދުނު ކުޅުދުއްފުށިން ކަމަށެވެ.
ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދުއްވާ ސީކްއީން ބޯޓުން އަބްދުﷲ އިބްރާހީމް މާލެ ދިޔަކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން އެއްދުވަހު އޭނާ މާލެ، ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.