ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރިމަތިވިފައިވާ ރޯޑް ޑިވެލެޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖަރު މޫސާ އަލި މަނިކު (މޫކޭ) މަގާމުން އިސްތިއުފާދެއްވައިފިއެވެ.

މޫކޭ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމުން އިއްޔެ ވަކިކުރިކަން ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ހާމަކޮށްފައެވެ.

މޫކޭ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ބަލަމުންދަނިކޮށެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ބަލަމުން ދަނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ.

މި ވާހަކަތަކާ ގުޅިގެން މީގެ ކުރިން އާރްޑީސީ އިން ބުނެފައިވަނީ މިފަދަ އެއްވެސް މުއާމަލާތްތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓް އިން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި އޭސީސީގެ ޓީމެއް ވެސް ވަނީ އާރްޑީސީއަށްވަދެ ފާސްކޮށްފައެވެ. އަދި އެއަށްފަހު މާލޭގެ ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި އެ ކުންފުނީގެ ފައިނޭންޝަލް މެނޭޖަރު ހުސައިން އަނީފު ވަނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައެވެ.

ވެރިކަން ބަދަލުވުމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީއިން ވެސް ބަދަލު އަންނާނެއެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުވާކުރައްވާފައެވެ.