އަންނަ ޑިސެމްބަރު މަހު ރިސެސް އަށް ނުދާން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހެން އަހަރުތަކުގެ މެދުތެރެއެކޭ އެއްފަދައިން ޑިސެމްބަރު މަހުވެސް ރިސެސްއަށްދާ ކަމަށާއި ނަމަވެސް ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މިއަހަރު ޑިސެމްބަރު މަހުވެސް ރިސެސްއަށް ނުދިއުމަށް ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިހެން އިއުލާންކޮށްފައިވާއިރު އެ ކޯޓުން މިދިޔަ ޖޫން މަހުވެސް ރިސެސް އަށް ގޮސްފައި ނުވެއެވެ.

އެފަހަރުވެސް ރިސެސް އަށް ގޮސްފައި ނުވަނީ ޖާގައިގެ ދަތިކަމުގެ ސަބަބުން ގިނަ މަސައްކަތަކެއް ނުނިމި ހުރުމުންނެވެ. ކޯޓުގެ ޖާގައިގެ ދަތިކަން ހުރުމާއެކު ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތް ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވުމުން އިމާރާތުގެ އެއްބައި ވަނީ ބަންދުކޮށްފައެވެ. އަދި އެ ކޯޓު ހިންގުން ހުޅުމާލެއަށް ބަދަލު ކުރަން ނިންމި ނަމަވެސް، ބަދަލު ވެވޭނެ ވަކި ތާރީހެއް އަދި ނޭނގެ އެވެ