އިޒްރޭލު މީހުންގެ ޕާސްޕޯޓު ބަލައިނުގަތުމަށާއި އެ ތަނުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވުމަށް ސަރުކާރަށް ލަފާ އެރުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
މަޖިލީހަށް ދެ މެންބަރަކު ވަނީ މި މައްސަލަ ހުށަހަޅުއްވައިފައެވެ. އެއީ:
- ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު
- މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ފޮނުއްވި ސިޓީ
އެކަމާ ގުޅޭ ގޮތުން ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ، ދިވެހިން އަބަދު ވެސް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ސަރުކާރުން އަބަދު ވެސް އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ބަޔާންތައް ނެރެމުންދާ ކަމާއި ބައިނަލްއަގުވާމީ މައިދާނުގައި އެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ހުށަހެޅުއްވީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސް، އިޒްރޭލު މީހުންގެ ޕާސްޕޯޓު ބަލައިނުގަތުމަށް ސަރުކާރަށް ލަފާ އެރުވުމަށެވެ.
"އިޒްރޭލުގެ ފަތުރުވެރިން ނައުމަށް މިހާރު އެ ތަނުގެ ސަރުކާރުން އެ ވަނީ ގޮވާލާފަ، އަދި އެކަމަށް އެ އޮތީ އެޑްވައިޒަރީ ނެރެފަ، އޭގެ އިތުރުން އަޅުގަނޑުމެން ވެސް ހަގީގަތުގަ އިޒްރޭލުގެ ފަތުރުވެރިންނަށް މިވަގުތު މަރުހަބާ ކިޔުން އެއީ ދިވެހިން އެދޭ ގޮތެއް ނޫން، އަދި އެގޮތުން ހޯދާ ފައިސާ ދިވެހިން މިވަގުތު ކޮންމެހެން ހިތްހަމަޖެހޭ އެއްޗަކަށް ވެސް ނުވާނެ،" ޝަރީފްގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވިއެވެ.
ކޮމިޓީގެ އެހެން މެންބަރުން ވެސް މި ހުށަހެޅުމަށް ވަނީ ތާއީދުކުރައްވައިފައެވެ. އެހެންކަމުން އެގޮތަށް ލަފާ ދިނުމަށް ކޮމިޓީގެ ރިޕޯޓު އެކުލަވާލައްވާނެ ކަމަށް، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވިއެވެ.
އިޒްރޭލުގެ މީހުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި ގިނަ ބަޔަކު ވަނީ މިއަދު މަޖިލީހުގެ ދޮށުގައި އިހްތިޖާޖުކޮށްފައެވެ. އިހްތިޖާޖުގެ ބައިވެރިންގެ އެދުމަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ މީހުންނަށް ރާއްޖެ އަށް އެތެރެނުވެވޭ ގޮތް ހެދުމަށާއި އެ ގައުމުން ބޭރުކުރާ ތަކެތި ރާއްޖެ އަށް އެތެރެކުރުން މަނާކުރުމަށެވެ.
އަދިވެސްމަނާނުކުރަނީތަ ސޯލިހު ވެރިކަން ނިމެއްވާއިރު އެހެންކަމްތަށްތަށް ކުރެވެ ކީވެ އިޒުރޭ މީހުންރާޖެއައުން މަނާނުކުރެވުނީ