މި މަހުގެ 17 ވަނަ ދުވަހު ބާއްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވާނީ އެ ގައުމުގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޑރ. މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ ކިރެން ރަޖީގޫ ވަނީ އެ ގައުމުގެ ގިނަ ވުޒާރަތަކެއްގައި މަސައްކަތްކުރައްވާފައެވެ. މި ގޮތުން މީގެ ކުރިން އިންޑިއާގެ ޔޫތް އެންޑް ސްޕޯޓްސް އެފެއާޒް ވަޒީރު ކަމާ ހޯމް މިނިސްޓްރުކަމުގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދަ މަޖިލީހުގައިވެސް ކިރެން ރަޖީގޫ ވަނީ މަސައްކަތް ކުރައްވާފައެވެ.

އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ޑރ.މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އެކުވެރި ގައުމުތަކަށް ފޮނުވާފައިވާ، އިންޑިއާއިން މި ރަސްމިއްޔާތުގައި ބައިވެރިވާނެ މަންދޫބާ މެދު ގިނަ ބަޔަކު ވަނީ ހިޔާލުފާޅުކޮށްފައެވެ.

މިގޮތުން ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި އިރު ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ވަކި ހާއްސަ ފޯކަސް އެއް ނުވަތަ އަހަންމިއްޔަތު ކަމެއް ނުދޭކަމަށެވެ.