އިންޑިއާގެ މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ބާދްޝާހް އާއި ބަތަލާ މުރްނާލް ތާކޫރު އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭވާހަކަ ބާދްޝާހް ދޮގުކޮށްފިއެވެ.
ޝިލްޕާ ޝެޓީގެ ދިވާލީ ޕާޓީ ތެރެއިން ބާދްޝާހް އާއި މުރްނާލް އަތުގުޅުވައިގެން ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާއެކު މީޑިއާތަކުން ކެކި ގަތެވެ. އާންމުންގެ ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ބާދްޝާހްގެ އާ ލޯބިވެރިޔަކީ މުރްނާލް ކަމުގައެވެ. ނަމަވެސް އެވާހަކަތައް ދޮގުކުރަމުން ބާދްޝާހް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ތިކަލަ އެއްވެސް ކަމެއް ނޫޅޭކަމަށެވެ. މުރްނާލް އާއި ބާދްޝާހް ވަނީ މީގެ ކުރިން ވީޑިއޯ ލަވައެއްގައި ވެސް މަސައްކަތްކޮށްފައެވެ.
"ޑިއާ އިންޓަނެޓް. އަނެއްކާވެސް ތި އެންމެން މާޔޫސްކޮށްލެވުނީތީ މައާފަށް އެދެން. ތިމީހުން ހީކުރާ ކަހަލަ ގުޅުމެއް އަސްލު ނޯވޭ،"
ރެޕާ އެއްގެ ގޮތުގައި މަޝްހޫރުވި ބާދްޝާހް ވަނީ މީގެ ކުރިން ކައިވެންޏެއްވެސް ކޮށްފައެވެ. 2012 ވަނަ އަހަރު ޖޭސްމިން މަސީހް އާއި ބާދްޝާހް ކުރި ކައިވެނި 2020 ވަނަ އަހަރު ރޫޅުނުއިރު އެ ކައިވެންޏަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. އެ ދަރިފުޅު އެދެމީހުންނަށް ލިބުނީ 2017 ވަނަ އަހަރުއެވެ. މުރްނާލް އަކީ އަދި މީގެ ކުރިން ކައިވެނިކޮށްފައި ނުވާ ބަތަލާއެކެވެ. ދެކުނު އިންޑިއާ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ މުރްނާލް އަކީ މިވަގުތު ބޮލީވުޑްގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅަދާނަ ތަރިއެކެވެ. ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޕިއްޕާ" އިންނެވެ.