މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްްކުރުމަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް މަޖީލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މިފަދައިން ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ. އިން އެކުލަވާލާފައިވާ މުއާހަދާ، "އެގްރީމަންޓް އަންޑާ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" އަކީ ގައުމުތަކުގެ އިހްތިސޯސްއިން ބޭރުގައި އޮންނަ މާކަނޑުގެ ސަރަހައްދުތަކަށް، މާހައުލީ ގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅުމާއި ގުޅޭ މުއާހަދާއެކެވެ. އެ މުއާހަދާގައި މައިގަނޑު ހަތަރު ބައެއް ހިމެނެއެވެ.

ކަނޑުގެ ސަރަހައްދުތައް ހިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުން މަގުފަހިކުރުވާ މިފަދަ މުއާހަދާއެއްގައި، ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިއްމުކަމެއްކަން، އެންވަޔަރަންމެންޓް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން އެކުލަވާލުމަކީ، މާކަނޑުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، މުއާހަދާގައި މިހާތަނަށް ދުނިޔޭގެ 83 ގައުމަކުން ވަނީ ސޮއިކޮށްފައެވެ.