ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހަދި މީހަކު 1 އަހަރަށް ޖަލަށްލައިފިއެވެ.

އެ މައްސަލާގައި 1 އަހަރަށް ޖަލަށްލާފައިވަނީ ގއ. ކޮލަމާފުށި، މުހައްމަދު ސާއިފް އަލީއެވެ.

އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ ޖުލައި 18، 2021 ރޭގަނޑު ގާތްގަނޑަކަށް 10 ޖަހާއިރު މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެނގިތާ 18 ގަޑިއިރު ގަޑިއިރު ތެރޭގައި ކުޑަކަމުދާ ތަކެތި ދީފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށް ހުކުމުގައި ބުނެއެވެ. އެ ދައުވާއަށް ސާއިފް އިންކާރުކޮށްފައިވާއިރު އެކަމާ ގުޅިގެން 4 ފުލުހުންނާއި ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމަށް އަންގާ ފޯމު ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

އެ މައްސަލާގެ ހެއްކާއި މުޅި މައްސަލައަށް ބަލާ އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާ އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު އެ މައްސަލައިގައި ހުށައެޅިފައިވާ ހެކި ގަރީނާތަކަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 1 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.