ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޯޑް ޑިވެލެޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ވަދެއްޖެއެވެ.

އެކަން އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދީފައި ވާ އިރު ފުލުހުން ވެސް ބުނެފައި ވަނީ، ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ އިދާރާގެ ފަރާތުން އާރުޑީސީގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ފުލުހުން އާރްޑީސީއަށް ވަދެފައިވަނީ ކީއްކުރަންކަން އަދި ސާފުވެފައި ނުވާއިރު އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ގެންދަނީ މިހާރުވެސް ބަލަމުންނެވެ. ފުލުހުން ބަލަމުން ދަނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެއް ކަމަށް ވެސް މައުލޫމަތު ލިބެއެވެ.

ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އަރްޑީސީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

އާރްޑީސީގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބައެއް މީޑިއާތަކުން ހަބަރު ގެނެސްފައި ވީ ނަމަވެސް އެފަދަ އެއްވެސް މުއާމަލާތްތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓް އިން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެ ކަމަށްވެސް އާރްޑީސީއިން ބުނެއެވެ.

އެ ތުހުމަތުތައް މޫކޭ ވަނީ ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.

އާރްޑީސީއިން ބުނަމުން ދަނީ އެ ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތް ކުރަމުން ގެންދަނީ ރާއްޖޭގައި ހެދިފައިވާ މާލީ ގާނޫނުތަކާއި ގަވައިދުތަކާއި އަދި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކާ އެއްގޮތަށް ކަމަށެވެ. އަދި ފައިސާއަށް ހިޔާނާތްތެރި ވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ނުވަތަ އެކައުންޓުތަކަކަށް ކުންފުނީގެ މައި އެކައުންޓުން ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށް އާރްޑީސީއިން ބުނެއެވެ.