މިއަހަރުގެ މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އައިފިލްމްސްގެ "ނީނާ" އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމައިފިއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ސަމާލުކަން ހޯދައިގަތް އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށްފައިވާ "ނީނާ" އޮލިމްޕަހުގައި ދައްކާނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހުގެ ރޭ 23:45 ގައެވެ. އެއީ މިހާރު އަޅުވާފައި އޮތް އިއްލެގެ "ފްރީ ޑެލިވަރީ" ގެ އެރޭތަކުގެ ޝޯ އެޅުވުމަށްފަހުއެވެ. މި ފިލްމަށް ލިބެމުން އައި ތަރުހީބަށް ބެލުމަށްފަހު މި ފިލްމު އަނެއްކާވެސް އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާއިރު މި ފުރުސަތަކީ ކުރިން މި ފިލްމު ނުބެލި ތިބި މީހުންނަށް ރަނުގެ ފުރުސަތެކެވެ. އަދި ފިލްމު ބަލައި އަދިވެސް އެއްފަހަރު މި ފިލްމު ބޮޑު ސްކްރީނުން ބަލަން ބޭނުންވެފައި ތިބި މީހުންނަށްވެސް ރަނގަޅު ފުރުސަތެކެވެ. މި ފިލްމުގެ ޓިކެޓް ގަތުމަށް 7242555 އަށް ވައިބާ މެސެޖެއް ކޮށްލުމުން އެކަން ހަމަޖެހޭނެއެވެ.
ބެލުންތެރިންގެ އުންމީދަށް ވާސިލްވި ދިވެހި ފިލްމު "ނީނާ" އަކީ ވަރުގަދަ އަންހެން ފަހުލަވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. 2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނަށް ގެނެސްދިން "ބަވަތި" ވެސް ޑައިރެކްޓްކޮށް ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު ޑައިރެކްޓްކުރާ މި ފިލްމަކީ ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑު ރޯލުން ފެނިގެންދާ ފިލްމެވެ. ނުޒޫ އާއެކު މި ފިލްމުގައި ދެން ފެނިގެންދާނެ ލީޑު ތަރިއަކީ ޝަރަފް އަބްދުﷲއެވެ. މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ. އިބުރަތުން ފުރިގެންވާ މި ފިލްމަކީ ޖެހިލުން ކުޑަ އަންހެނެއްގެ ހަޔާތުގައި ދިމާވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމެކެވެ. ނީނާ އަކީ ދިވެހި ސިނަމާއަށް މިއަހަރު ނެރުނު އެންމެ މޮޅު ފިލްމެވެ.