މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

ނަޝީދުން މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދިއުމަށް މިއަދު ހަވީރު 4:00 އަށް ޖަލްސާއެއް ތަވާލްކޮށްފައި ވަނިކޮށް ނަޝީދު ވަނީ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އަށް މިއަދު އަންގަވާފައެވެ.

ނަޝީދު މަޖިލީހުގެ އަމީންއާންމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލައާއި، އެ މައްސަލައާ ހެދި އެމަނިކުފާނުގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނާވަޑައިގެންފައިވާ ކަމަށާއި މަޖިލީހުގެ އަގުލަބިއްޔަތު އޮތް ޕާޓީކަމުގައިވާ އެމްޑީޕީން، އެމަނިކުފާނުގެ ނަޒަރުގައި، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ގެންދަނީ ކޯޓަށް ގޮސްގެން މެންބަރުންނަށާއި މަޖިލީހަށް ލިބިފައިވާ ބާރުތައް ހަނިކުރަމުން ކަމަށާއި އެހެންކަމުން އެމްޑީޕީގެ އެ އަމަލަކީ ބޮޑު ހިތާމައެއް ކަމަށާއި އެއީ ބޭއިންސާފެއް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިމަގުން ގެންދާކަމީ ބޮޑު ހިތާމައެކެވެ. ދިވެހިންނަށް ވެވޭ ބޭއިންސާފެކެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައ،ި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ. ނަޝީދު ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އިސްތިއުފާ އާ ގުޅިގެން ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ހަމަޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާވުމަށް އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.