ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އަރުވައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޝަރަފު އަރުވާފައިވަނީ މިނިސްޓަރީ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް ކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރުގޭ އަހްމަދު ހަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު ސީވީޑް އަހްމަދު ލަތީފަށެވެ. މި ދެ ބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވި އަހްމަދު ހަލީލް:
އަހްމަދު ހަލީލް ރާއްޖޭގެ ހާރިޖީ ދާއިރާގެ ހިދުމަތާ ގުޅިވަޑައިގަތީ، ޑިސެންބަރު 22، 1981 ގައެވެ. އަހްމަދު ހަލީލް އެންމެ ފަރަތަމަ އަދާކުރެއްވީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާއެވެ. އަހްމަދު ހަލީލް ހާރިޖީ ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ، އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ. މިގޮތުން، ނިއުޔޯކްގެ ދާއިމީ މިޝަންގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވެއެވެ.
މީގެ އިތުރުން އަހްމަދު ހަލީލްއަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުވެސް 7 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަގާމަށް، އޮކްޓޫބަރު 3، 2016 ގައި އަހްމަދު ހަލީލް ހަމަޖެއްސެވިއެވެ. އަދި މިހާރު ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަންކުރައްވައިފައިވަނީ ނޮވެންބަރު 22، 2018 ގައެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމާ ހަވާލުވެވަޑައިގެން މިވީ 4 އަހަރާ 11 މަސްދުވަހުގެ ތެރޭގައި، އެބޭފުޅާ ވަނީ ފާހަގަކޮށްލެވޭ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވައި، ގިނަ ކާމިޔާބީތަކެއް ރާއްޖެއަށް ހޯއްދަވައި ދެއްވާފައެވެ.
އަހްމަދު ހަލީލް، ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، ގިނަގުނަ ހިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި އަހްމަދު ހަލީލް ހިމެނިވަޑައިގަންނަވައެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވި އަހްމަދު ލަތީފް:
އަހްމަދު ލަތީފް ރާއްޖޭގެ ހާރިޖީ ދާއިރާގެ ހިދުމަތާ ގުޅިވަޑައިގަތީ، ނޮވެމްބަރު 26، 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަ ސެކްރެޓެރީ ކަމުގެ މަގާމެވެ. ހާރިޖީ ދާއިރާގައި އަހްމަދު ލަތީފް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ވަކިން ހާއްސަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން، ސާރކް ފަދަ ސަރަހައްދީ ޖަމުިއްޔާތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގައެވެ.
މިގޮތުން، ސާކް އުފެއްދުމުގެ ކަންކަމުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަހްމަދު ލަތީފްއެވެ. އަދި ސާކް ސެކްރެޓޭރިއެޓްގައި ދިވެހިރާއްޖޭގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައި، އަދި ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓުގެ އެކި ކަންކަމުގައިވެސް އަމަލީގޮތުން އަހްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަހްމަދު ލަތީފަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. 2004 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ރެޒިޑެންޓް މިޝަނެއް ގާއިމުކުރެވުނުއިރު، ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި އަހްމަދު ލަތީފް ހުންނަވައިގެން، ހައިކޮމިޝަން ގާއިމުކުރެއްވުމުގައްޔާއި ހިންގެވުމުގައި ވަރަށް އިސް ދައުރެއް ވަނީ އަދާކުރައްވާފައެވެ.
މީގެ އިތުރުން ވެސް އަހްމަދު ލަތީފަކީ، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އަދި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަންވެސް އައަހްމަދު ލަތީފް ކުރައްވާފައިވެއެވެ.
ރައީސް އޮފީހުން ބުނީ މި ދެބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ބޭރުގެ އެކި ގައުމުތަކުންނާއި، ބައިނަލްއަގްވާމީ އެކިއެކި ޖަމުއިއްޔާތަކާއި ޖަމާއާތްތަކުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމުގައި މި ދެބޭފުޅުން ވެދެއްވާފައިވާ ހިއްސާއާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ އެކި ގައުމުތަކުން އެކިއެކި ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންކަމަށެވެ.