ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ރައިސް އޮފީހުން ބުނީ އެ ދެ ބޭފުޅުންނަށް މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި ރައީސް އޮފީހުގައި ކަމަށެވެ.

ޝަރަފުގެ ގޮތުގައި މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެއް އެރުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާއިރު މިއީ ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް މުޅިން އަލަށް އަރުވާ ޝަރަފެކެވެ.