ރާއްޖެއަށް މި ގެންނަ އިގްތިސޯދީ ބޮޑު ބަދަލު ފުރިހަމަވުމުން ދައުލަތުގެ އާމްދަނީ ދެގުނަވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ 2028 ވަނަ އަހަރާ ހަމައަށްދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ހަމަހަމަކަމާއެކު ގާއިމްނުވެ، ދިވެހި ޖުމްހޫރިއްޔަތު ފުރިހަމައެއް ނުވާނެ ކަމަށައި ފެނާއި ނަރުދަމާއި ކަރަންޓާއި އަދި ލަފާފުރުމާއި ދަތުރުފަތުރުގެ އެންމެ ގިނަ މަޝްރޫއު މި ވޭތުވި ފަސް އަހަރު އެކީ އެއްފަހަރާ ކުރިއަށް ގެންދަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި އެ ގެނެވުނު ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެ ކަމަށާއި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު ލިބެން ފަށާފައިވާ ކަމަށެވެ.
ދަރިންގެ ތައުލީމާއި ރައްޔިތުންގެ ސިއްހީ ހިދުމަތް ލާހިކުނުވެ، ޖުމްހޫރިއްޔާ ސާބިތެއް ނުވާނެ ކަމަށާއި ތަފާތެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތައާރަފްކުރީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ދަރިންނަށްޓަކައި މައިންބަފައިން ދެކެމުން އައި ޒަމާންވީ ހުވަފެނުގެ ތައުބީރު ކަމަށާއި މީހަކަށް ދިން އެއްޗެއް ފަހުން އަތުލެވުނު ކަމުގައިވިޔަސް އަނބުރާ އަތުނުލެވޭނެ އެއްޗަކީ ދެވޭ ތައުލީމު ކަމަށް ރައީސް ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވިއްޖެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެވިއްޖެ ކަމަށާއި އަންނަ 2024 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ފޮނުވީ ޖުޑީޝަރީއާއި ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައި ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމުގެ ގާނޫނީ ބޮޑު ބަދަލު ގެނެސްދެއްވި ކަމަށާއި ލާމަރުކަޒީ ނިޒާމުން ގައުމު ކުރިއަރާނެ މަގު މިހާރު އެވަނީ ފަހިކޮށްފައިވާ ކަމަށެވެ. އަދި ބާރުތައް އެއްތާކަށް ޖަމާކޮށްގެން ކުރިނާރާކަން ރާއްޖޭގެ ތާރީހު ހެކިދޭ ކަމަށާއި ބާރުތައް ޖަމާކުރާނަމަ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ދައުރުގައި ފަށައިގެން ކުރިއަށް ގެންދިޔަ ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލަކީ އެންމެ ކުޑަވެގެން ހޯދޭނެ ވަށާޖެހޭ ސިއްހީ ހައްލު ކަމަށާއި ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫއުވެސް ފަށާފައިވާ ކަމަށެވެ. އަދި ކުޅިވަރުގެ ހަރަކާތްތަކަކީ ކޮންމެ މީހަކަށްވެސް ތަފާތުކުރުމެއްނެތި ބައިވެރިވެވެން އޮންނަ ހަރަކާތްތަކަށް ހަދައިފައިވާ ކަމަށާއި އެކި ކުޅިވަރުތައް ކުރިއެރުވުމަށް ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި ޓީމް ސްޕޯޓްސްއަށް އަމާޒުކޮށްގެން ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފަށައިފާވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާނެ ކަންކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދެއްވި ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސް ބޮޑުކޮށްދީފައިވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ހައްލު ހޯދުމަށް މި ފަސް އަހަރު އިސްކަންދިން އެއްކަމަކީ ރަށްރަށުގެ ބިން އިތުރުކުރުން ކަމަށެވެ. އަދި ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅާއި ގިރާވަރު ފަޅު އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ހައްލު ކަމަށާއި މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ފަތް ހައްގުވެރިންނާ ހަވާލުކުރެވިއްޖެ ކަމަށެވެ.
މަސައްކަތުގެ އެކި މަރުހަލާގައިވާ ޖުމްލަ 7700 ފްލެޓުގެ މަސައްކަތް، މާލެ ސަރަހައްދުގައި މިހާރު ކުރިއަށް ހިނގަމުން އެބަދާ ކަމަށާއި އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން ފާއިތުވީ ފަސް އަހަރު 2732 ހައުސިން ޔުނިޓް، އެކި މަރުހަލާތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.