ވާދަވެރި އެންމެ ބޮޑު 2 އިގްތިސޯދުގެ ވެރިން އަންނަ ބުދަދުވަހު އެމެރިކާގެ ސެންފެރެންސިސްކޯގައި ބައްދަލު ކުރައްވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އެމެރިކާގައި ބައްދަލު ކުރައްވާ އިރު, މިވަގުތު ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓިފައި އޮތް އިޒްރޭލް – ގާޒާ ހަނގުރާމަ އާއި, އެމެރިކާއިން ބެހޭ ޓައިވާން މައްސަލައާއި, ޔޫކްރައިން ހަނގުރާމައިގެ އިތުރުން ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބަށް ޗައިނާއިން ނުފޫޒު ފޯރުވާކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބުނެއެވެ.

ތަފާތު ގިނަ މައްސަލަތަކުގައި އެމެރިކާ އާއި ޗައިނާ އާ ދެމެދު އަރާރުން އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުން އަންނަތާ ކިތަންމެ ދުވަހެކެވެ. ޗައިނާ އާ މެދު އެމެރިކާގެ ބަސްމަގު ހުންނަ ގޮތުން ޗައިނާ ރުޅި އައުމާއި ޗައިނާގެ މަސްލަހާ ގުޅިފައި ހުންނަ ކަންކަމާ އެމެރިކާއިން ބެހޭ މައްސަލަ ފާހަގަ ކުރެއެވެ. މީގެ އިތުރުން ޗައިނާގެ ޖާސޫސީ ބެލޫންތަކެއް އެމެރިކާގެ މައްޗަށް އެރި މައްސަލައާއި އެމެރިކާގެ ބައެއް ވެރިން ޓައިވާނަށް ވަޑައިގަތް މައްސަލަ ފަދަ ކަންކަމާ ހުރެ ވެސް ދެގައުމުގެ ދެމެދުގައި އޮންނަނީ ނުތަނަވަސްކަން އުފެދިފައެވެ. މީގެ އިތުރުން އެޑްވާންސް ޗިޕް އަދި މައިކްރޯ ކޮންޑަކްޓަރު ޗައިނާ އަށް އެކްސްޕޯޓު ކުރުން އެމެރިކާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މަނާކުރުމާއި, އިންޑޯ ޕެސިފިކްގައި ޗައިނާގެ މައްޗަށް ނުފޫޒު ފޯރުވުމަށް އެމެރިކާ ބައިވެރިވާ އެކިއެކި ގައުމުތަކާ އެކު ކުރާ މަސައްކަތްތަކަކީ ވެސް ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވެފައި އޮންނަ ސަބަބެކެވެ.

މި ބައްދަލުބުމާ ބެހޭ ގޮތުން އެމެރިކާގެ އޮފިޝަލުން ބައިނަލްއަގުވާމީ މީޑިއާތަކާ ވާހަކަ ދައްކަވާފައި ވީނަމަވެސް ޗައިނާއިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ ދެގަުއމުގެ ދެމެދުގައި ހިޔާލުތަފާތުވެފައި ހުރި މައްސަލަތަކާ ގުޅޭގޮތުން ދެގައުމުގެ ވެރިން މަޝްވަރާ ކުރައްވައި, ދެގައުމުގެ ދެމެދުގައި ވާހަކަ ދެއްކޭ ފެންވަރުގައި ގުޅުން ދެމެހެއްޓުމަށް މަގުހުޅުވާލުމެވެ.

ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވެފައި އޮންނަ އިރުވެސް އަސްކަރީ ކަންކަމުގައި ދެގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ގާއިމުކޮށްފައި އޮންނަ މައުލޫމާތު ބަދަލު ކުރުމުގެ ޗެނަލުން ދެގައުމުން މަޝްވަރާ ކުރަމުން ދެއެވެ. ނަމަވެސް ފަހުން އުފެދެމުން އައި މައްސަލަތަކާ އެކު އެ ޗެނަލް ވެސް ވަނީ ހުއްޓިފައެވެ.

މި ދެބޭފުޅުން މިއީ ބައްދަލު ކުރައްވާ ދެވަނަ ފަހަރަށް ވާއިރު, ޗައިނާގެ ރައީސް އެމެރިކާ އަށް މި ވަޑައިގަންނަވަނީ, އެމެރިކާއިން ހޯސްޓް ކުރާ އޭސިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ ބައްދަލުވުމަށެވެ.

މިމަހުގެ 11 އިން 17 އަށް ކުރިއަށް ދާ މި ބައްދަލުވުމުގެ ހަވާސާގައި މި ދެވެރިން ބައްދަލު ކުރައްވާ އިރު, ގާޒާ ތަޅާ ސުންނާފަތި ކުރުމަށް އިޒްރޭލުން ހިންގާ ޖަރީމާ އަކީ އެމެރިކާއިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ ޖަރީމާއެވެ. އިޒްރޭލުގެ އެ އުދުވާނަށް ޗައިނާ އިން ތާއީދު ނުކުރާ އިރު ޗައިނާގެ ސްޓޭންޑަކީ އިޒްރޭލުގެ ދައުލަތް ގާއިމު ކޮށްފައި އޮތްހެން, ފަލަސްތީނުގެ ދައުލަތްވެސް ގާއިމު ކުރުމަށް ސަޕޯޓް ކުރުމެވެ.

ހަމައެހެންމެ, ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ޔޫކްރައިން އަށް މަދަދު ދޭ އިރު, ޗައިނާގެ ބައިވެރި އަކީ ރަޝިއާ އެވެ. މި ދެ ހަނގުރާމަ އާ ގުޅިގެންވެސް ޗައިނާއިން އެއްވެސް ފަރާތެއް ކުށްވެރި ނުކުރުމަކީ އެމެރިކާ ހިތްހަމަ ނުޖެހޭ ސަބަބެއް ނަމަވެސް ޗައިނާއިން ހިފަހައްޓަމުން އަންނަ ސްޓޭންޑަކީ ރަޝިއާ އާ ގާތް ގުޅުމެއް ބޭއްވުމެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެގައުމުން ގަބޫލު ކުރާ އިރު އެކަމާ ދެކޮޅަށް އެމެރިކާއިން ވާހަކަ ދައްކާ, ޓައިވާނަށް މަދަދު ދޭ މައްސަލައިގައި ޗައިނާއިން ބުނަމުން ދަނީ ޓައިވާންގެ މައްސަލައިގެ ތެރެއަށް އެމެރިކާ ނުވަނުމަށެވެ.

މީގެ އިތުރުން އެމެރިކާގައި އޮންނަ އެކިއެކި އިންތިހާބުތަކަށް ޗައިނާ އިން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އެމެރިކާއިން ކުރާ މައްސަލައިގައި ޗައިނާއިން ބުނެފައި ވަނީ, ޗައިނާ އަކީ އެއްވެސް ގައުމުގެއް ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަ ބައެއް ނޫން ކަމަށެވެ.