މާލޭގެ ގެއެއްގައި މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނަކު، ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ކުޑަ ކުއްޖާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން 22 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރު ކޮށް 15 ދުވަހަށް ބަންދު ކޮށްފައި ވަނީ ހުސްވި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ބަންދު ކުރި މުއްދަތު ހަމަވުމުން އަނެއްކާވެސް މިވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.

ކުޑަ ކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ މީސްމީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން އިން ފެންނަނީ އެނދުމަތީ އިށީދެގެން އެ އަންހެން މީހާ އިންނަ އިރު އޭނާގެ ފައި މަތީގައި އޮތް ބާލީހެއްގެ މަތީގައި ކުޑަކުއްޖަކު ބާއްވައިގެން ނިންދަވަން ފައި ހަލުވާ މަންޒަރެވެ.

މޭ މައްޗަށް އެއް އަތް ހުރަސްކޮށްގެން އޮތް އެ ކުއްޖާގެ ގެ އެ އަތް މައްޗަށް ނަގާ މޫނުމަތީގައި އެ އަންހެން މީހާ ތިން ހަތަރު ފަހަރަކު ޖަހާތަން ފެނެއެވެ. އެއާއެކު ކުއްޖާ ބާރަށް ރޯ މަންޒަރުވެސް އެ ވީޑިއޯ ކްލިޕުން ފެނިގެންދިޔައެވެ.

މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ގޭގައި ބައިތިއްބާ ބިދޭސީ މަސައްކަތްތެރިންނަށް ކުދިންނަ ބަލަން ހަވާލުކޮށްގެން މީގެ ކުރިން ވެސް ކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.