އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި އިތުބާރު ނެތް މަޖިލީހުގެ ރިޔާސަތުން ބޭފުޅަކު އިންނެވި ނަމަ އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ދެއްވައިފިއެވެ.

މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމަށް ރިއާޔަތް ކުރައްވާ އެކްސްގައި ނިޔާޒު ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖްލިސް މެންބަރުންގެ އިތުބާރުނެތް ރިޔާސަތަކުން ކަމުގައިވާނަމަ އެކަމަށް އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމަށެވެ. އަދި އިހްތިޖާޖު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ވަކި ގޮތެއް ނިންމާނީ އެމްޑީޕީގެ ޕީޖީން ކަމަށް ނިޔާޒް ވިދާޅުވެފައި ވެއެވެ.

ނިޔާޒް މިފަދައިން ވިދާޅުވެފައި މި ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، އިންތިހާބީ ރައީސް ހުވާ ކުރައްވަންދެން ކުރިއަށް ނުގެންދިއުމަށް އެމަނިކުފާނު މިރޭ މަޖިލިސް ވަޓްސްއެޕް ގުރޫޕުގައި އިރުޝާދު ދެއްވާފައި ވަނިކޮށެވެ. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް އިޝާރާތް ކުރައްވާ ނަޝީދު ފޮނުއްވެވި އެ މެސެޖުގައި ވިދާޅުވެފައި ވަނީ "ހުކުމް ގަ އޮތީ 7 ދުވަސް ހިފަހައްޓާށޯ. ސުޕްރީމް ކޯޓުންވެސް 5 ދުވަސް ކުޅެ ދީފީމޯ. އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ހުރަހެއް ނެތޯ" ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.

އެ މެސެޖުތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު، ރޮޒައިނާ އާދަމް ވެސް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމް އިއްވުމުންވެސް ނަޝީދު ވިސްނަވަނީ 'މަގާމުގައި ބައްދަވައިގެން އޮންނަވަން' ކަމަށެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް 7 ދުވަހަށް ވެފައި ވާއިރު، މި 7 ދުވަސް ވަންދެން މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިފަހައްޓަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ރޮޒެއިނާ ތުހުމަތު ކުރެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން، ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލަ ނިންމައި މިއަދު ހުކުމް ކުރީ އެމްޑީޕީއާ އެކޮޅަށެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށެވެ.

މީގެ އިތުރުން މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަން ޖެހޭ 5 މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

މި މައްސަލަ ނިމުމާއެކު އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. ނަމަވެސް އަދި އެޖެންޑާ މެންބަރުންނަށް ފޮނުވާފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެއެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ޖަލްސާއަށް ނަޝީދު ވަކިކުރުން އެޖެންޑާ ކުރާނެއެވެ.