ކުންފުނިތައް އުފެއްދުމާއި، ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި އަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އާންމުކޮށްފިއެވެ.

މި ހުދުކަރުދާސް އާންމުކޮށްދެއްވީ މިކަމައްޓަކައި އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއެގައި، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއެވެ.

އޭސީސީން ބުނީ، މި ކަރުދާހުގެ މައިގަނޑު މަގްސަދަކީ ކުންފުނިތައް އުފެއްދުމުގައި އެ ކުންފުނިތަކުގެ ހަގީގީ ވެރިންގެ މައުލޫމާތު އެއްކުރެވޭ މިންވަރު ދެނެގަނެ، ކުންފުނިތަކުން ހިންގާ އަދި ބައިވެރިވާ ކޮރަޕްޝަނުގެ އަމަލުތަކާ ގުޅުވައިގެން "ޕްރޮސީޑްސް އޮފް ކޮރަޕްޝަން ލޯންޑާ" ކުރުމުގައި ބައިވެރިވާ ހާލަތުގައި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު އޮންނަ ގޮތް ދެނެގަނެ، ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރާ ބައެއް އުސޫލުތައް ދެނެގަނެ، ކުންފުނިތައް އުފެއްދުމާއި، ރަޖިސްޓަރީކުރުން އަދި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއެކު އިސްލާހުކުރުމަށް ލަފަޔާއި އިރުޝާދު ދިނުން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިސާމް ވަނީ ކުންފުނިތަކުގެ ކަންކަން ރެގިއުލޭޓްކުރުމުގައި މިހާރު ދިމާވާ މައިގަނޑު ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޭސީސީން ތައްޔާރުކުރާ ހުދުކަރުދާސްތަކުގެ ހޯދުންތަކުގެ މުހިއްމުކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުންފުނިތަކުގެ ކަންކަން ރަނގަޅުކުރުމަށް މަގުފަހުވެގެންދާނެ ކަމަށާއި އަދި މިފަދަ އިތުރު ހުދުކަރުދާސްތައް އެކުލަވާލުމުގެ މުހިއްމުކަން ވިސާމް ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް ދެއްކެވި ވާހަކަގައި އޭސީސީގެ ރިސާޗް ޓީމުން ކުރާ މުހިއްމު މަސައްކަތްތައްވަނީ ފާހަގަކުރައްވާ، ކޮމިޝަނުގެ މަސައްކަތްތައް ވޭތުވެދިޔަ 1 އަހަރާއި 7 މަސްދުވަހުގެ ތެރޭގައި ބައްޓަންކުރެވުނުގޮތާއި ކޮމިޝަނުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތައްކަށް އަޅުއްވާލައްވާފައެވެ.

އޭސީސީން ބުނީ، މި ދިރާސާއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އިތުރުން ގުޅުންހުރި ބައެއް އެހެން އިދާރާތަކުންވެސް ގުޅުންހުރި މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ބައެއް މައުލޫމާތު ހޯދާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި؛

  • ކުންފުނިތަކުގެ ބެނެފިޝަލް އޯނަރުންގެ މައުލޫމާތު އެންމެ ފުރިހަމައަށް ނުބެލެހެއްޓުން
  • ހުށަހެޅޭ މައުލޫމާތު ވެރިފައިކުރުމުގެ މަރުހަލާއެއް ނެތުން
  • "ބިޒްނަސް ޕޯޓަލް" ގައި ބެނެފިޝަލް އޯނަރުންގެ މައުލޫމާތު ހާމަނުކުރުން
  • ސަބްސިޑިއަރީ ކުންފުނިތައް ހަރުދަނާކަމާއެކު ރެގިއުލޭޓް ނުކުރެވުން
  • ސަރުކާރުގެ ކުންފުނިތައް އުފައްދާއިރު އެއް މަގްސަދެއް ހާސިލްކުރުމަށް އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނި އެފެއްދުމުގެ ފުރުސަތު އޮތުން، އަދި ތަފާތު މަޤްސަދުތަކުގައި ކުންފުނިތައް އުފައްދާ، އެކި ސަބަބުތަކާހެދި ބައެއް ކުންފުނިތައް އުފެއްދުމުގެ މަގްސަދު ބަދަލުވެ އިގްތިސާދަށް ފައިދާވާ މިންވަރަށް މަސައްކަތް ނުކުރެވުން.
  • ކުންފުނިތައް ޒިންމާދާރުކުރުވުމުގެ ގާނޫނީ ޒިންމާ ފުރިހަމައަށް ލިބިދީފައިނުވުން
  • އިދާރާތަކުން ގުޅިގެން ކުރެވެ މަސައްކަތް މަދުކަން

އޭސީސީން ބުނީ ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ގެންނަ ފެންނަ 18 ލަފާ އެ ކަރުދާހުގައި ހުށަހަޅާފައިވާ ކަމަށެވެ. މި ހުދުކަރުދާސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ.