އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލް މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހަދައި އެ ގައުމުގެ އުފެއްދުންތަކާއި އެ ގައުމުން އެކްސްޕޯޓް ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގޮވާލައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލިސް ހުއްޓިފައިވާއިރު އެ ގަރާރުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ.

އެކަމާ ގުޅިގެން ސައުދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ހިތުހުރި ގޮތަކަށް މާނަކޮށް މަޖިލިސް ހުއްޓުވާފައި އޮތުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ފާސްކުރަން ޖެހޭ ގަރާރުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައި ކަމަށެވެ. އަދި އެކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

ސައުދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އެތައް މަސައްކަތްތަކެއް މިވަނީ ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މަޖިލީހުގެ ގަވާއިދުގައި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި މަޖިލިސް ކުރިއަށް ގެންދެވޭނެ. ގާނޫނު އަސާސީއާއި މަޖިލިސް ގަވާއިދު ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

ސައުދު ހުށަހެޅުއްވި ގަރާރުގައި ވަނީ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ފަަލަސްތީނުގެ ރައްޔިތުނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ހުއްތާލުމަށާއި، އެ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ގާޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކޮށް އިންސާނީ ކަރާމާތް ނަގާލުމަށް އިޒްރޭލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ރައްޔިތުންނަށް ފެނާއި ކަރަންޓާއި ބޯފެނާއި އަދި ސިއްހީ ފަރުވާގެ ހިދުމަތް ހުއްޓުވާލާފައި އޮތުމާއި ކާބޯތަކެތި ގާޒާއަށް އެތެރެވިޔަ ނުދިނުމަށް ގާޒާ ވަށައިގެންވާ ހުރިހާ ޗެކް ޕޮއިންޓްތަކާއި ގޭޓްތައް ބަންދުކޮށްފައި އޮތް އޮތުން ސައުދު ހުށަހެޅުއްވި ގަރާރުގައި ވަނީ ކުށްވެރި ކޮށްފައެވެ.

ހަމައެއާއެކު އެ ގައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުން ހިމެނޭ ގޮތަށް އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް އިޒްރޭލުން ހިންގަމުން ދަނީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަންތައްތައް ހުއްޓުވުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ. އަދި ފަލަސްތީންގެ ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ހައްގުތައް ފޯރުކޮށް ދިނުމުގެ އިންތިޒާމް ބައިނަލް އަގްވާމީ މުޖުތަމައު ގުޅިގެން ހަމަޖެއްސުމަށް އދ ގެ މެންބަރު ހުރިހާ ގައުމުތަކަށް ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ގޮވާލައި އެ ގަރާރު ފާސް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ސައުދު ވިދާޅުވެއެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށް ބޮޑެތި ނޭދެވޭ އަސަރު ކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އިޒްރޭލުގެ ރައްޔިތުންނަށް ނުރައްކާވަމުންދާ މި ދަނޑީވަޅުގައި، ރާއްޖެއަށް ދިމާވެދާނެ ހާލަތްތަކަށް ތައްޔާރުވުމަށް ވެސް އެ ގާރާރުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިޒްރޭލާއި ރާއްޖޭއާއެކު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެ ފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި ފަލަސްތީންގެ ހުރިހާ ބިންތަކުން އިޒްރޭލުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވެން ދެން މި ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.