ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރަކީ މި ސަރުކާރުން ހޯދާފައިވާ އެހީ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވުމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހޫނު ރައްދެއް ދެއްވައިފިއެވެ.

އެއާޕޯޓު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައި ދިނުމަށް މުއިއްޒު އެދިވަޑައިގަތުމުން އިޖާބަދީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް އިއުލާން ކުރީ މިއަދު އިންތިގާލީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އެހީތެރިކަން ދިނުމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ ދާއިރާތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ވެސް އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ވެސް ޔޫއޭއީ ސަރުކާރުން ދީފައިވާ ކަމަށް ފިރުޒުލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވެއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ބައެއް ނޫސް ތަކަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އެފައިސާ އަކީ މާ ކުރިންވެސް ހަމަޖެހިފައިވާ ފައިސާ ކަމަށާއި އެއީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ހޯދާ ދެއްވި ފައިސާ ނޫން ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި ސަރުކާރާއި އިންތިހާބީ އޮފީހުގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަދުރޭ ވެސް މިވަނީ ވަރުގަދަ ބަހުގެ ހަމަލާއެއް އަމީރު އަށް ދެއްވާފައެވެ.

އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުންވެސް ފެނިގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ވަމުންދާ އޮޅުވާލުންތަކަާއި މަކަރާއި ހީލަތްތައް ބަލައި ނުގަންނަ ކަމަށެވެ. އަދިވެސް އެކަމުގެ ނަތީޖާ ނުފެންނަނީތޯ އަދުރޭ ސުވާލު އުފައްދަވާފައި ވެއެވެ. "ރޯމާ ދުވާލު މި ވަރުގެ ބޮޑެތި ދޮގުތަށް ހަދާއިރު ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟" އަދުރޭ ސުވާލު ކުރައްވާފައި ވެއެވެ.

އަދި އެއާޕޯޓު ހެދުމަށް ބޭނުންވާ 80 މިލިއަން ޑޮލަރަކީ މި ސަރުކާރުން ހޯދި ފައިސާ ނޫން ކަމަށާއި އެ ފައިސާ ހޯއްދެވީ އިންތިހާބީ ރައީސް މި ފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ. އަންނަ އަހަރުގެ ޕީކް ސީޒަންއަށް ވާއިރަށް އެއާޕޯޓު ނިންމާނެ ކަމަށް ދާދިފަހުން މައިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެއެވެ.