ޓެރަރިޒަމްގެ ދެ މައްސަލައެއްގައި ބަންދުގައި ހުރި މުހައްމަދު އަމީނުގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޏ. ފުވައްމުލަކު ކަރިއްޔާވިލާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. އަމީނަކީ އައިއެސް ޖަމާއަތާއި ގުޅިގެން، ދިވެހިން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ތުހުމަތު ކޮށް އޭނާ ހައްޔަރު ކޮށް ބަންދުކޮށްފައި ވަނީ 2021 ވަނަ އަހަރުއެވެ.

އަމީންގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވެ، އޭނާ 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވާއިރު އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި، 11 މަހާއި އަދި 9 ދުވަސް ކަމަށް އެ ހުކުމުގައި ވެ އެވެ.

2007 ވަނަ އަހަރު ސަލްޓަންޕާކްގެ ބޮމުގެ މައްސަލާގައި ވެސް އޭނާ އަށް ތުހުމަތު ކުރި އިރު މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ވެސް ގެނެއެވެ. ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.

އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ ކަމަށްވާއިރު އެ ހުރިހާ ތުހުމަތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.