ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ދަރަނީގެ 90 ޕަސެންޓު ދައްކައި ނިންމާލެވޭނެ ކަމަށް، އެ ކުންފުނިން ލަފާކޮށްފިއެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނި އޮތް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފެނަކައާ ބެހޭގޮތުން އިންތިހާބީ ރައީސް އޮފީހުން އާންމުކުރި ބައެއް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފެނަކައިގެ ދަރަނި ހަތަރު ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ. އޭގެ ތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ވެންޑަރުންނަށް ދައްކަން ޖެހޭ ފައިސާއެވެ.
އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިންނަށް މިދިޔަ ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވަމުން، އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، މާލީ ގޮތުން އުނދަގޫ ހާލަތަކަށް އެ ކުންފުނި ވެއްޓެން ދިމާވި ސަބަބުތަކުގެ ތެރޭގައި، ފެނަކައިން ޑެފިސިޓް ފައިނޭންސްކުރާނެ ހަރުދަނާ ގޮތެއް ފާހަގަކޮށްފައި ނެތުމާއި، ބަޖެޓުކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ޕްރޮކިއުމެންޓްތަކާއި މަޝްރޫއުތަކާއި މުވައްޒަފުން ނެގުން ފަދަ ކަންކަން ކުރިއަށް ގެންދިއުމާއި، އެ ކަންކަމުގެ ސަބަބުން ފެނަކައިގެ ދަރަނި ބޮޑުވެ ދަރަނިތައް އަދާކުރުމަށް ބޮޑެތި އިންޓްރެސްޓްތަކުގައި ލޯނު ނަގާފައި އޮތުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ނަމަވެސް ފެނަކަ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
- 2012 އިން 2018 އަށް 1.29 ބިލިއަން ރުފިޔާ އިން ދަރާފައިވޭ
- 2018 އިން މި އަހަރަށް ދަރަނީގެ ގޮތުގައި 633 މިލިއަން ރުފިޔާ އިތުރުވެފައިވޭ
- ޖުމްލަ ދަރަނި: 1.92 ބިލިއަން ރުފިޔާ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަނީ އެ ކުންފުނީގެ ދަރަނި އިތުރުވުމަށް މެދުވެރިވި ސަބަބުތައް ހާމަކުރައްވައިފައެވެ. ފެނަކައިގެ ދަރަނި ބޮޑުވުމަށް މެދުވެރިވި ސަބަބުތަށް ކަމަށް ސައީދު ފާހަގަކުރެއްވީ:
- ކޮވިޑަށް ފަހު ތަކެތީގެ އަގުތައް އުފުލިގެން ދިޔަ ނަމަވެސް، ފެނަކަ އިން މަޝްރޫއުތައް ކުރިއަށް ގެންދިއުން
- ފެނާއި ނަރުދަމާ އިން އާމްދަނީ ލިބެމުން ދަނިކޮށް ގާނޫނުގެ ދަށުން ކޮންމެ ރައްޔިތަކަށް ހިލޭ ކަނެކްޝަން ގުޅައިދިނުމަށް ކަނޑައެޅުމުން އާމްދަނީން ބައެއް އުނިވުން
- މިނިމަމް ވޭޖް ތައާރަފްކުރުމުން މުވައްޒަފުންގެ މުސާރަ އަށް ކުރާ ހަރަދު ބޮޑުވުން
- ރަށްރަށުގައި މަގުތައް ހަދަން ފެށުމުން ކޮންޓްރެކްޓުގައި އަދި ބަޖެޓުކުރެވިފައި ނެތް މަސައްކަތްތައް ކުރަން ޖެހުން
ސައީދު ވިދާޅުވީ، ފެނަކައިން މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމަން އަމާޒު ހިފާފައި ވަނީ އަންނަ އޭޕްރިލް މަހަށް ކަމަށެވެ. ސައީދު ވިދާޅުވީ އެ މަޝްރޫއުތައް ނިމުމުން ދަރަނި ދައްކަން ފެށޭވަރު ވާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ފޯކާސްޓް ދައްކާ ގޮތުން 2027 ވަނަ އަހަރު ނިމޭ އިރުގަ ފެނަކައިން ލިބޭ އާމްދަނީން ދަރަނި ދައްކަމުން ގޮއްސަ ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ފަސް އަހަރުގެ ތެރޭގައި އެ ކުންފުނީގެ އާމްދަނީ 40 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.