ހުއްދަ ނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ކުރުމުގެ ކުށުގައި މީހެއްގެ ވަނަވަރު އާންމުކޮށް އެ މީހާ ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ދަނީ މއ. ކޮޓްންވިލާ، އުމުރުން 40 އަހަރުގެ އަހްމަދު ސަފްނީޒް އަދި ގއ. ކޮލަމާފުށި އަސަރީގެ، އުމުރުން 23 އަހަރުގެ މުހައްމަދު ސާއިފް އަލީ ކަމަށެެވެ.

އެ 2 މީހުންނަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާ 2 މީހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަހްމަދު ސަފްނީޒް ހޯދަމުންދަނީ ހުއްދަނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ހޯދަމުންދާ މުހައްމަދު ސާއިފް /ފޮޓޯ: ފުލުހުން

މުހައްމަދު ސާއިފް އަލީ ހޯދަމުން ދަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.