ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް އިންތިގާލީ އޮފީހުން އަންގާފައިވާ އެންގުމާ ހިލާފަށް އަމަލު ކުރަން އުޅޭ ކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާބަންކޯ އަށް ވަދެއްޖެއެވެ.

ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ގޮތުން އިންތިގާލީ އޮފީހުން މިދިޔަ މަހު ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު އެސެޓްތައްކަމަށެވެ. އެހެންކަމުން މި މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ކަންބޮޑުވާ ކަމެއްކަމުގައެވެ.

މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން "ލީޒް" ކުރުމުގެ މުއާމަލާތްތަކެއްވެސް ހިމެނޭކަން ފާހަގަކޮށް އިންތިގާލީ އޮފީހުން ވަނީ އާބަންކޯގެ އެ ނިންމުމުގެ ސަބަބުން އަލަށް އުފެދޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި ދައުލަތަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެފައެވެ. އެހެންކަމުން އިންތިގާލީ އޮފީހުގެ ކަންބޮޑުވުންތަކާއެކު މި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގަން އޭސީސީން ވަނީ އާބަންކޯއަށް އަންގާފައެވެ.

އެހެންނަމަވެސް މި އެންގުމާ ހިލާފަށް އާބަންކޯ އިން އެ ބިންތައް ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އޭސީސީގެ ޓީމެއް ވަނީ އާބަންކޯގެ މައި އޮފީހަށް ވަދެފައެވެ. މިކަމާ ގުޅިގެން އަދި އޭސީސީ އިން އެއްވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.