މީހެއްގެ ކޭޝް ކާޑުން ވިޔަފާރި ކުރި މީހަކު ތިން މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ގދ. ތިނަދޫ، ސްކޫނާ، މުހައްމަދު ވާސިފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، މި އަހަރުގެ ޖުލައި 19 ވަނަ ދުވަހު ދަންވަރު މީހެއްގެ ކޭޝް ކާޑް ބޭނުންކޮށްގެން ތިން ފަހަރު މަތިން އެމްއެޗްއޭ މާޓް ފިހާރަ އިން 1،285 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައިވާއިރު ވީހާ ވެސް ލުއި އަދަބެއް ދިނުމަށް ޝަރީއަތުގައި އޭނާ ވަނީ އެދިފައެވެ.

ގާނޫނުލް އުގޫބާތުގައި ކުށުުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި ކުށަށް އިއުތިރާފުވުމުން އެއް ދަރަޖަ ދަށް ކުރުމަށް ވެސް ގާނޫނުގައި އޮވެއެވެ.

އެހެންކަމުން އޭނާގެ ޖަލު ހުކުމް އެއް ދަރަޖައަށް ކުޑަކޮށް، ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި 21 ދުވަހަށް މުޖުތަމައަށް ހިދުމަތް ކުރުމަށް ކުރުމަށް ވެސް ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.