2019 ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ ހުރީ ސިންގަލްކޮށް ކަމަށް އޭނާ ބުނެފިއެވެ.
މަޝްހޫރު ކަޕޫރު އާއިލާގެ އާދާރު ޖެއިން އާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ ދެފަރާތުންވެސް އެއްބަސްވެގެން ކަމަށެވެ. އަދި ދެމީހުންގެ މެދުގައި އެއްވެސް ރުޅިވެރިކަމެއް ނޯންނަ ކަމަށާއި ވާހަކަ ދައްކަންޖެހޭ ހާލަތެއްނަމަ ވާހަކަ ދެއްކޭ ހާލަތުގައި ވެސް ދެމީހުން ތިބި ކަމަށް ތާރާ ވަނީ ބުނެފައެވެ. ބަތަލާ ބުނީ އާދާރު އާ ރުޅިވިފަހުން ލޯބީގެ ގޮތުން އެއްވެސް މީހަކާ ނުގުޅޭ ކަމަށާއި އަދި ހުރީ ސިންގަލް ކޮށް ކަމަށެވެ.
ދެމީހުން ޑޭޓް ކުރިއިރު ދެމީހުންގެ އާއިލާގެ އެކި މުނާސަބާތުތަކުގައި ބައިވެރިވެއެވެ. އަދި އެކި ފެސްޓިވަލް ފާހަގަކުރުމަށްފަހު ދެ އާއިލާ އެކު ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ. ވަރަށް ސިއްރުން އެކުގައި ދެމީހުން އުޅުމަށްފަހު އާދާރު އާއި ތާރާ އެކުގައި އުޅޭކަން ހާމަކުރީ 2020 ވަނަ އަހަރު އާދާރުގެ އުފަންދުވަހު ތާރާ ކުރި ޕޯސްޓަކުންނެވެ.
ދާދިފަހުން ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ކާރްރިކް އާރްޔަން އާއި ތާރާ އެކުގައި ވަނީ ފެނިފައެވެ. އޭގެފަހުން މިދެތަރިން މަދުމަދުން އެއްކޮށް ފެންނަމުންދާތީ ބައެއް މީޑިއާތަކުން ބުނަނީ ދެމީހުން ޑޭޓްކުރަނީ ކަމަށެވެ. ނަމަވެސް ކާރްތިކްގެ "އާޝިގީ 3" އަށް އަދިވެސް ބަތަލާ އެއް ހަމަޖައްސާފައި ނުވާއިރު އަނެއް ބައި މީހުން ބުނަނީ ތާރާ އާއި ކާރްތިކް ދިމާކުރަނީ "އާޝިގީ 3" ގެ ބަތަލާ އަކަށް ތާރާ ވުމުން ކަމަށެވެ. ބަތަލާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހު 15 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރާ ފިލްމު "އަޕުރްވާ" އިންނެވެ.