އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގެންފައިވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގެންފައިވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ. އަދި މެހެމާންދާރީއެއްގެ ގޮތުން އެ ދަތުރުފަތުރުގެ އިންތިޒާމުތައް ޔޫއޭއިން ހަމަޖައްސައިދީފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ޔޫއޭއީގެ ސަރުކާރަކީ ރާއްޖޭގެ މަޝްރޫއުތަކުގައި ބައިވެރިވާ ގައުމެއް ކަމަށެވެ. ފިރުޒުލް މިފަދައިން ވިދާޅުވެފައިވާއިރު ނ. މާފަރުގައި އަޅާފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޔޫއޭއީގެ އެހީގައި އަޅާފައިވާ އެއާޕޯޓެކެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އާއިލާއާއެކު މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފައިވާއިރު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދަތުރުފުޅަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.