ވ. ފެލިދޫ އިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ނުދައްކާ ފަރާތްތަކުގެ އާއިލާތަކަށް ކައުންސިލުން ދެމުން އަންނަ ހިދުމަތްތައް ކަނޑާލުމަށް އެ ކައުންސިލްގެ 29 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުން ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އަންގައިފިއެވެ.
ފެލިދޫ ދޯނި އެހެލާ ސަރަހައްދުން ދޫކޮށްފައިވާ ބިންތައް ކުއްޔައް ނަގާފައިވާ ފަރާތްތަކުން އެ ބިންތަކުގެ ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާއިރު ފެލިދޫ ކައުންސިލުން ވަނީ އެފަދަ މީހުންގެ އަނބި/ފިރި އަދި ދަރިންނަށް ކައުންސިލުން ދޭންޖެހޭ އެއްވެސް ހިދުމަތެއް ނުދިނުމަށް ނިންމާފައެވެ. މި މައްސަލަ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ބަލަމުން އަންނައިރު މިއަދު ހިއުމަން ރައިޓސް ކޮމިޝަނުން ވަނީ މި ނިންމުން ބާތިލުކުރުމަށް އެ ކައުންސިލަށް އަންގާފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން،ނެރުނު ބަޔާނުގައިވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނު އަސާސީ އާއި ތައާރަޒުނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ދިމިގްރާތީ މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް މިންވަރަކަށް ކަމަށެވެ.
އެހެންކަމުން ކައުންސިލުން ފޯރުކޮށްދޭ ހިދުމަތް ފޯރުކޮށް ދިނުމުގައި އެއްވެސް ފަރާތަކަށް ފޯރުކޮށް ނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ނެތްކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެހެން އެއްވެސް ގާނޫނެއްގެ ދަށުން ވެސް ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށް ނުދީ ހިފެހެއްޓިދާނެ ހާލަތެއް ބަޔާންކޮށްފައި ނުވާކަމަށެވެ.
ފެލިދޫ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީ އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.
މީގެ އިތުރުން ހިއުމަން ރައިޓް ކޮމިޝަނުން ވަނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގައި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެދިފައެވެ. ކައުންސިލްތަކަކީ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރާ ރައްޔިތުންގެ އަސާސީ އަދި އާންމު ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާއެއްކަން ފާހަގަކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކައުންސިލްގެ ނިންމުންތައް ވާންވާނީ މި މަގްސަދު ހާސިލްވާ ގޮތަށް ނިންމާ ނިންމުންތަކަށް ކަމަށެވެ.