މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައެޅި ގޮތާ ބެހޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓްއާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓާ ކޮށް، ބަލަމުންދާ ކަމަށެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އިއްޔެ ވަނީ އާންމު ކޮށްފައެވެ. ހައުސިން މިނިސްޓްރީ އިން އިއްޔެ އާންމު ކުރި ލިސްޓުގައިވާ ގޮތުން ތިން ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ 76 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ 73 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

މާކްސް ދީފައިވާ ގޮތާމެދު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ޝަކުވާތައް ހުރިއިރު، މާކްސް ދީފައި ވަނީ އެއްވެސް އަދުލުވެރިކަމެއް އދި އިންސާފުވެރިކަމެއް ނެތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ލިބޭ އާމްދަނީ، ކުދިންގެ އަދަދު އަދި މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލައި ރަނގަޅަށް މާކްސްދީފައި ނުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީއިން ބުނެފައި ވަނީ ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ހައުސިން މިނިސްޓްރީ އިން ގެތަކަށް ދާނެ ކަމަށެވެ. ނަމަވެސް ފްލެޓްއަށް އެދި ހުށަހެޅި ހުރިހާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާފައި ނުވާ ކަމަށް ވެސް ފްލެޓްއަށް އެދި ހުށަހެޅި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މާކްސްދީފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓެއް

ދާއިމީ ލިސްޓު އާންމުކޮށް އިއްޔެ ހައުސިން މިނިސްޓްރީ އިން ބުނީ، ލިސްޓުގައިވާ ފަރާތްތަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ވަގުތު، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި 4،000 ފްލެޓު ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ދެމަފިރިން ވަކިން ހުށަހަޅައިގެން ފްލެޓް ލިބުމަށް ހޮވިފައި ވާނަމަ ހަމަޖެހިފައި ވަނީ ދެމަފަރިންނަށް އެއް ފްލެޓު ދިނުމަށެވެ. ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް ފްލެޓެއް ދިނުމަށެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓުތަކަށް ކުރިމަތިލީ 14،489 ފަރާތަކާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 6،208 ފަރާތެކެވެ.