އިޒްރޭލުން ތިން ވަނަ ފަހަރަށް ޖަބަލިއާ ކޭމްޕަށް ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގައި ހުރި އަލްފަހުރާ ސްކޫލަށް ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރައިން ބުނީ މި ހާދިސާގައި 15 މީހުން ޝަހީދުވެފައިވާ ކަމަށެވެ. މިއީ ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދަށް ވޭތުވެދިޔަ 5 ދުވަސްތެރޭ ދިން 3 ވަނަ ހަމަލާއެވެ.
އަލްފަހުރާ ސްކޫލަށް މިއަދު އިޒްރޭލުން ދިން ބޮމުގެ ހަމަލާގައި ސަލާމަތްވި މީހަކު އިންޑޮނީޝިއާގެ ހޮސްޕިޓަލުން އަލްޖަޒީރާ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، އެ ހަމަލާ ދިން ވަގުތު އޭނާ އުޅުނީ ދަރިންނަށް ކާންދޭން ތާޒާ ބިސް ހޯދަން ކަމަށެވެ. އެމީހުން ބަނޑުހައިވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ކާނެ އެއްޗެއް ހޯދައިގެން އެނބުރި އެ ސްކޫލަށް ދިޔަ މަގުމަތީގައި އެތަނަށް މިސައިލް ވައްޓާލިތަން ފެނުނު ކަމަށް އޭނާ ބުނެއެވެ.
އިންޑޮނީޝިއާ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގެ ކަނެއްގައި އިށީނދެލައިގެން އިން އެހެން އަންހެނަކު ބުނީ އެމީހުންގެ ގެތަކަށް ބޮން އެޅުމުން އދގެ ސްކޫލް އިމާރާތްތައް ފިޔަވައި ދާނެ ތަނެއް ދެން ނެތް ކަމަށެވެ. ސްކޫލަކީ އަމާން ތަނަކަށް ވާނެ ކަމަށް ގަބޫލު ކުރެވުނު ކަމަށާއި މިހާރު އެއްވެސް ތަނަކަށް ދިޔަޔަސް ސަލާމަތެއް ނެތް ކަމަށް އޭނާ ބުނެއެވެ.
އެ މީހުން ކާނެ އެއްޗެއް، ބޯނެ ފެނެއް އަދި ކަރަންޓެއް ވެސް ނެތް ކަމަށް ބުނެއެވެ. އެމީހުންގެ ދަރިން ބަނޑުހައިވެގެން ތެޅި ފޮޅެނީ ކަމަށް އެމީހުން ބުނެއެވެ. ސްކޫލަށް ދިން ހަމަލާގައި ޝަހީދު ވި މީހުންނަކީ ބަނޑުހައި ހޫނު ކަމުގައި ތިއްބާ ޝަހީދުވި މީހުން ކަމަށް ވެސް އޭނާ ބުނެއެވެ.
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ކޭމްޕަށް އެއް ޓަނުގެ ހަ ބޮން ވައްޓާލިއެވެ. ޖަބަލިއާ ކޭމްޕްގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އެ ހަމަލާ ދިންތާ 24 ގަޑި އިރު ނުވަނީސް އެ ކޭމްޕަށް އިޒްރޭލުން ވަނީ ދެވަނަ ހަމަލާއެއްް މި މަހުގެ އެއް ވަނަ ދުވަހު ދީފައެވެ.
ޖަބަލިއާއަށް ފުރަތަމަ ދިން ހަމަލާގައި 50 މީހުން ޝަހީދުވެފައިވާ އިރު ދެވަނަ އަށް ދިން ހަމަލާގައި 195 މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ގާޒާގެ ހޮސްޕިޓަލްތަކާއި މީހުން ދިރިއުޅޭ ގެތަކުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަށް އަމާޒުކޮށް ހަމަލާދެމުން އަންނަ އިރު، ފަލަސްތީނުގެ ގިނަ އާންމުންނަށް ކަރަންޓު ލިބޭ ބާކީ އޮތް ހަމައެކަނި ވަސީލަތް މި ވަނީ ހަލާކު ކޮށްލާފައެވެ.
އެ ހަމަލާތަކުގެ އެންމެފަހުގެ އަޕްޑޭޓަށް ބަލާއިރު ޖަބަލިއާ ކޭމްޕްގައި ހުންނަ އަލްފަހުރާ ސްކޫލްގެ އިތުރުން، އިޒްރޭލު ސިފައިން ވަނީ އަލްވަފާ ހޮސްޕިޓަލުގެ ކަރަންޓު ޖަނަރޭޓަރަށް ހަމަލާދީ ރަފާގެ އިރުމަތީގައި ހުރި ޕަބްލިކް ފެން ޓޭންކެއް ހަލާކު ކޮށްލާފައެވެ. ހަމައެއާއެކު ގާޒާގެ އަލް ނާސިރު ޗިލްޑްރަންސް ހޮސްޕިޓަލުގެ ދޮރަށް ވެސް ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން ގާޒާގެ ދެކުނުގެ ދެ މިސްކިތަކަށް ވެސް ވަނީ ހަމަލާ ދީފައެވެ.