ގާޒާގެ އަވަށްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް ބޮމުގެ ހަމަލާތައް ދެމުން ދާއިރު، ފަލަސްތީނުގެ އެތައް ސަތޭކަ އާއިލާއަކުން އަންނަނީ ވަގުތީ ހިޔާވަހިކަމެއް ހޯދުމަށް އެކި ސަރަހައްދުތަކުގައި ޓެންޓު ޖަހާ، އެތަންތަނުގައި ދިރިއުޅެމުންނެވެ.
މެޑިކަލް ފެސިލިޓީތަކާއި ހޮސްޕިޓަލްތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން ހިމާޔަތް ކުރަންޖެހޭ ތަންތަން ކަމަށްވާއިރު، އާއިލާތަކުން ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެތަންތަން ވަށައިގެންނާއި ހޮސްޕިޓަލް ކޮރިޑޯތަކާއި ޕާކިން ލޮޓްތަކާއި ގޯތިތެރޭގައި ޓެންޓުތައް ހަދައިގެންނެވެ.
އިޒްރޭލާއި ހަމާސްގެ ހަނގުރާމަ އަށް މިއަދު 29 ދުވަސް ވީއިރު، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ސިއްހީ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޓެންޓުތަކުގެ ތެރޭގައި ތިބި އާއިލާތަކުން ދަނީ އެމީހުންގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންގޮސް، ނިދުމާއި ކެއުމާއި އާންމު ހާލަތުގެ އިހުސާސް އަލުން ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ޓެންޓުތައް ފެންނަން ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ. ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނާއި އަނިޔާއާ ޒަހަމްތައް ވެފައި ވާ މީހުންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި އެ ޓެންޓުތައް ބޭނުންކުރުމުގެ އިތުރުން، ވަގުތީ ސާޖަރީތަކާއި އިމަޖެންސީ ރޫމްތަކުގެ ގޮތުގައި ވެސް ބައެއް ޓެންޓުތައް އަންނަނީ ބޭނުން ކުރަމުންނެވެ.
ހޮސްޕިޓަލުގައި ހިމާޔަތް ހޯދަމުން އަންނަ މީހުންގެ ބޮޑު ބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ޕްރައިވަސީ އަކީ ދުރު ހަނދާނެއް ކަމަށާއި ހޮސްޕިޓަލެއްގައި ދިރިއުޅެން ދިމާވާ ގޮންޖެހުންތައް އެތައް ގުނައެއް ބޮޑު ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނެއެވެ. ކާބޯތަކެއްޗާއި ސާފު ފެނާއި ފާހާނާގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބެނީ ދުވާލަކު އެއް ފަހަރު ނުވަތަ ދެ ފަހަރުއެވެ.
ޓެންޓެއްގައި ހިމާޔަތް ހޯދަމުން ދިޔަ ހަތް މީހުންގެ އާއިލާއެއް އެމީހުންގެ ތަކުލީފުގެ ވާހަކަ އަލްޖަޒީރާއަށް ނަން ހާމަނުކޮށް ވަނީ ކިޔާދީފައެވެ. އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ވަށައިގެން ލިބެމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އުފެދޭ ކުނީގެ އިތުރުން ރޭގަނޑުގެ ފިނިކަމުން ރައްކާތެރިކަން ނުލިބޭކަން އެމީހުން ފާހަގަކުރިއެވެ.
"މީގެ ކުރިން އަހަރެމެން އަތުގަ ހުރިހާ އެއްޗެއް ހުރި. މިހާރު އެކައްޗެއްވެސް ނެތް." އާއިލާގެ މެމްބަރަކު ބުންޏެވެ.
ކައިރީގައި ހުރި އެހެން ޓެންޓުތަކުގައި ބޭސްފަރުވާ ކުރިއަށް ދާއިރު، އެ މީހުން ފަދަ އާއިލާތަކަށް ވެސް ބަލި ޖެހުމާއި ވިހަ ކެމިކަލްތަކާ ގުޅުމުގެ ފުރުސަތު ބޮޑެވެ.
ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ ދަތިކަން
ގާޒާގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ވަނީ ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ ދަތިކަން ކުރިމަތިވެފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ދަތިކަން ސިއްހީ ހިދުމަތްތެރިންނާއި ބަލި މީހުންނަށް ވެސް ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާއިރު ސިއްހީ ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
1946 ވަނަ އަހަރު ގާޒާގައި ގާއިމްކުރި އެންމެ ބޮޑު ސިއްހީ މަރުކަޒު ކަމުގައިވާ އަލްޝިފާ ހޮސްޕިޓަލުން އެނެސްތީސިއާގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ. ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވެފައި ވުމުގެ ސަބަބުން، ޑޮކްޓަރުންނަށް މަޖުބޫރު ވެފައިވަނީ ސާޖަރީތައް ކުރާ އިރު ތަދު ކަނޑުވަން އެއްވެސް ބޭހެއް ނުދީ ކުރަންށެވެ. މިކަމަކީ ވަރަށް ވޭން ހުރި ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ފާހަގަ ކޮށްފައެވެ.
އިންޓެންސިވް ކެއާ ޔުނިޓް ނުވަތަ އައިސީޔޫތަކުގައި ބޮޑެތި ޒަހަމްތައް ލިބިފައިވާ އެތައް ސަތޭކަ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެކަށޭނަ މިންވަރަށް އެނދެއް ނެތެވެ. ގަޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ މެދުތެރެއިން ފެށިގެން މިފަދަ ކޭސްތަކަށް ޖާގަ ހުސްވެފައިވާ ކަމަށެވެ.
ގާޒާގެ އުތުރުގައި އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދެމުން އަންނަ އިންޑޮނީޝިއާ ހޮސްޕިޓަލްގެ އޮޕަރޭޝަންތައް މެދުކަނޑާލުމާ ގާތަށް ގޮސް، ސިއްހީ އޮފިޝަލުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.
އަދި އަލްޝިފާ ހޮސްޕިޓަލް ވެސް ވަނީ މުޅިން ބަންދުކުރުމާ ކައިރިވެފައެވެ. ގާޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް ކްރިޓިކަލް ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެ ހޮސްޕިޓަލަށް އިތުރު ބަލި މީހުން އެޑްމިޓްކުރުމާ، ޒަހަމްތަކަށް ފަރުވާ ނުދެވޭ މިންވަރަށް ހިދުމަތްތައް ދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެންމެ 546 އެނދާއެކު މިހާރު އެ ތަނުން ދަނީ ޒަހަމްވި 1،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންނެވެ. ކަރަންޓާއި ތެޔޮ ނުލިބުމުގެ ސަބަބުން މެޑިކަލް ޕްރޮސީޖާތަކަށް ބޭނުން ވާ އަލިކަން އިރުގެ އަލި ބޭނުން ކޮށްގެން އެ ހޮސްޕިޓަލުގެ ގޯތިތެރޭގައި ސާޖަރީތައް ވެސް ހަދާފައި ވެއެވެ.
"ގަޑިއިރުތަކެއްގެ ތެރޭގައި ހޮސްޕިޓަލް މުޅިން އަނދިރިވާނެ ކަމަށް ލަފާކުރެވޭ." ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ބުދަ ދުވަހު އިންޒާރު ދެއްވިއެވެ.
ހޮސްޕިޓަލުގެ ގޯތިތަކުގައި އިތުރު 50،000 އާއި 60،000 އާ ދެމެދުގެ އަދަދަކަށް މީހުން ދަނީ ހިޔާވަހިކަން ހޯދަމުންނެވެ.
އަލް-ކުދްރާ ވިދާޅުވީ ތެލާއި ސިއްހީ ސާމާނު ހޮސްޕިޓަލްތަކަށް ނުލިބޭހާ ހިނދަކު ގާޒާގެ ސިއްހީ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގާޒާއަށް އަވަސް ކަމާއެކު ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް މިސްރަށް ވަނީ ގޮވާލައްވާފައެވެ.
އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ސިއްހީ ސާމާނާއި އެހެނިހެން ޒަރޫރީ ތަކެތި ހިފައިގެން 20 ޓްރަކެއް މިސްރުން ފުރަތަމަ ފަހަރަށް ގާޒާއަށް ވަދެ، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ.
ނަމަވެސް އިޒްރޭލުން ބޯޑަރު ސަރަހައްދުގައި ބޮމުގެ ހަމަލާތައް ދިނުމާ ގުޅިގެން އެހީ ލިބުން ވަނީ ލަސްވެފައެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެސް ބުނެފައިވަނީ ގާޒާގެ ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ އެހީތަކަކީ އެގައުމުގެ ޒަރޫރީ މަސައްކަތްތައް ވަރަށް މަދު މިންވަރަކަށް ފުއްދޭނެ އެހީތަކެއް ކަމަށެވެ.
ސިއްހީ މަރުކަޒުތަކަށް ވެސް ބޮމުގެ ހަމަލާތައް އަމާޒުވެފައި
ހަނގުރާމަ ފެށުނީއްސުރެ މެޑިކަލް ފެސިލިޓީތަކަށާއި މަސައްކަތްތެރިންނަށް އަމާޒުކޮށް ނުވަތަ އެތަންތަން ކައިރިއަށް ދިން ހަމަލާތަކުގެ ސަބަބުން ވެސް ގާޒާގެ ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިޒްރޭލުން ފަލަސްތީނުގެ ދެކުނުގައި ހުންނަ ތުރުކީ-ފަލަސްތީން ފްރެންޑްޝިޕް ހޮސްޕިޓަލާއި ގާޒާ ސިޓީގެ މެދުތެރޭގައި ހުންނަ އަލް އަހްލީ އަރަބް ހޮސްޕިޓަލް ފަދަ ސިއްހީ މަރުކަޒުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވަނީ ބުނެފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހުކުރު ދުވަހު މެޑިކަލް ގާފިލާއެއްގައި އޮތް އެއް ވެހިކަލަކީ ހަމާސްގެ ސެލްއަކުން ބޭނުން ކުރާ އުޅަނދެއް ކަމަށް ބުނެ އެ އެމްބިއުލާންސް އަށް އަމާޒުކޮށް ހަމަލާދީފައެވެ. އަލް ގުދްރާ އިން ބުނީ ބޮމުގެ ހަމަލާގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށެވެ.
ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 25 އެމްބިއުލާންސަށް ހަމަލާދީ 136 ސިއްހީ ހިދުމަތްތެރިން ވަނީ މަރާލާފައެވެ.
ހެލްތު މިނިސްޓްރީ އާއި ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެޑިކަލް ފެސިލިޓީތަކާއި ފަސްޓް ރެސްޕޮންޑަރުންނަށް ހަމަނުޖެހުން ތަކުން ރައްކާތެރިވުމަށް ގޮވާލާފައެވެ.
ޖެނީވާ ކޮންވެންޝަންގެ 18 ވަނަ މާއްދާގައި ބުނެފައި ވަނީ މަދަނީ ހޮސްޕިޓަލްތަކަކީ "އެއްވެސް ހާލެއްގައި ހަމަލާދޭ ތަނަކަށް ވެގެން ނުވާނެ" ކަމަށެވެ. މެޑިކަލް ޓްރާންސްޕޯޓަކީ ވެސް އިންސާނީ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ.
އެހެންނަމަވެސް ގާޒާގެ މެޑިކަލް އިންސްޓިޓިއުޓް ތަކަށް ވަނީ އިޒްރޭލުގެ ބޮމުގެ ހަމަލާތައް އަމާޒުވެފައެވެ. އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ޕީއާރްސީއެސް އިން ބުނީ ގާޒާ ސިޓީގެ ތަލް އަލް ހަވާ ސަރަހައްދުގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލް ސަރަހައްދުގައި ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ އެ ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލު ސިފައިންގެ ފަރާތުން އިންޒާރެއް ލިބިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުގައި އެތައް ސަތޭކަ ބަލި މީހުންނާއި ފަލަސްތީނުގެ 14،000 މީހުން އަންނަނީ ހިޔާވަހިކަން ހޯދަމުންނެވެ.
ގާޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހާއި ހެލްތު މިނިސްޓްރީން ވަނީ މިފަދަ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ސިފަކޮށް، ޖަވާބުދާރީވުމަށް ގޮވާލާފައެވެ.
ސިއްހީ ހިދުމަތްތެރިން ވަރުބަލިވެފައި
ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އިދާރީ މުވައްޒަފުންނާއި ރެސްކިއު ކްރޫން ހިމެނޭ ގޮތަށް ސިއްހީ ހިދުމަތްތެރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހުރި ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ.
ގާތްގަނޑަކަށް 24 ގަޑިއިރު މެދުކެނޑުމެއް ނެތި މަސައްކަތް ކުރާއިރު، ބައެއް މީހުންނަށް ވަރަށް ބޮޑަށް ވަރުބަލިކަން ވަނީ ކުރިމަތިވެފައެވެ. އަނެއް ބައި މީހުންނަށް ނަފްސާނީ ގޮތުން ވަރުބަލިކަން އިހުސާސްވަނީ ބޮޑެތި ޒަހަމްތަކަށް ފަރުވާ ދިނުމާއި ވަސީލަތްތައް މަދުވުމުގެ މާޔޫސްކަމުގެ ސަބަބުންނެވެ.
އަލްދަރާޖުގެ އިމަޖެންސީ ރޫމް ސުޕަވައިޒަރެއް ކަމަށްވާ ޑރ އަހުމަދު ޣޫލް ވިދާޅުވީ އޭނާއާއެކު މަސައްކަތް ކުރާ ޕްރޮފެޝަނަލުންނަކީ ބަލި މީހުން ބެލެހެއްޓުމަށް ހާއްސަ ކޮށްފައިވާ ބައެއް ކަމަށެވެ.
"އަހަރެމެންގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ގާތްގަނޑަކަށް މަދުވި ނަމަވެސް، ފާހާނާ ބްރޭކެއް ފިޔަވައި، ދުވާލާއި ރޭގަނޑުވެސް ހޭދަކުރަމުން އަންނަނީ ހިދުމަތްދޭ ކޮޓަރިތަކުގައި" އޭނާ ވިދާޅުވި އެވެ.
"ހަފުތާގެ ދުވަސްތައް ހޭދަވަމުން ދާ ގޮތެއްވެސް އަހަރެމެންނަކަށް ނޭނގޭ. އަހަރެމެންގެ ސަމާލުކަން ހުސްވެފައިވަނީ ޒަހަމްވެފައިވާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި."
ޣޫލް ފަދަ ޑޮކްޓަރުންނަށް ފުރުސަތު ލިބުނަސް ނިދާނެ ތަނެއް ނެތެވެ. އެމީހުންގެ ޕާސަނަލް ރޫމްތައް ބަލިމީހުންނަށް ފަރުވާދޭ ތަންތަނަށް ބަދަލުކޮށް، އެމީހުންގެ އެނދުތައް ބޭނުންކުރަނީ ސާޖަރީ އާއި އިމަޖެންސީ ފަރުވާއަށެވެ.
ހޮސްޕިޓަލުގެ ބަދިގެތަކުގެ މަސައްކަތްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. މުވައްޒަފުންނަށް ނުވަތަ ބަލި މީހުންނަށް ކެއުން ތައްޔާރުކުރާނެ އަސާސީ ވަސީލަތްތަކެއް ނެތެވެ.