2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް، އެމަނިކުފާނުގެ މިހާރުގެ އިސް ވަކީލު އަދި ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެމްޑީޕީގެ ވެރިކަން ގެނައުމަށް ކުރެއްވި މަސައްކަތް ހަނދާނުން ނުފިލާނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ނުސީދާ ގޮތެއްގައި ޖަމީލަށް ރައްދު ދެއްވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް، ޖަމީލަށް ނުސީދާކޮށް ރައްދު ދެއްވާފައި ވަނީ އެ ކޯލިޝަންގެ އިސް ބޭފުޅުން އައްޑު އަށް ކުރައްވަމުންދާ ދަތުރުގައި އެ ސިޓީގެ ހުޅުދޫގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީ ބައިބައިކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި، އެ މަސައްކަތް އެއްވެސް ބަޔަކަށް ކާމިޔާބު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ޕާޓީ ބައިބައިކުރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީ ބައިބައިކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރާއި އެ ސަރުކާރުގެ ބައިވެރިން މަސައްކަތްކޮށް ބޮޑެތި އަނިޔާ ދިން ކަމަށާއި، އެ ހުރިހާ އަނިޔާ އެއް ތަހައްމަލުކުރީ ޔާމީން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވުމާ ހަމައަށް އެމްޑީޕީގެ ސަރުކާރުން ދިޔައީ ޔާމީނަށް އަނިޔާކުރަމުންނެވެ.

ނަމަވެސް މި ހުރިހާ އުނދަގުލެއްގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޔާމީންގެ ފަހަތުގައި ސާބިތުވެ ތިބިކަން ދައްކުވައިދީފައިވާ ކަމަށް ވިދާޅުވެ، އެ ކޯލިޝަނުން ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ދާނީ ޔާމީން ދެއްވާ ލަފާފުޅާއި އިރުޝާދުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވިއެވެ.

އެއާ އެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުންގެ ކިބައިން އަބްދުއްރަހީމް އެދިވަޑައިގަތީ:

  • ވާދަވެރިން އެ ކޯލިޝަން ބައިބައިކުރުމަށް ދައްކާ ވާހަކަތަކަށް ނުހެއްލުމަށް
  • މަޖިލީހުގެ އިންތިހާބުގެ ކުރިން ވާދަވެރިން ދައްކާ އެފަދަ ވާހަކަތައް އަޑުނޭހުމަށް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ނިމިގެން މި ދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވެ، ހިޔާނާތްތެރިވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރު ގެންނަން މަސައްކަތްކުރި ފަރާތްތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން މުޅި މި ގައުމު ސުންނާފަތިކުރީ ކޮން ބައެއްކަން އަޅުގަނޑުމެންގެ ހަނދާނުގަ އެބަހުރި، އެ މަންޒަރު އަޅުގަނޑުމެންގެ ދެ ލޮލުން ފެނޭ، އެ އަޑުތައް މިހާރު ވެސް އަޅުގަނޑުމެންގެ ކަންފަތަށް އެބަ އިވޭ، އެ ހަނދާންތަކެއް އަޅުގަނޑުމެންގެ ހަނދާނަކުން ފިލައިގެނެއް ނުދާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނެސް އެމްޑީޕީގެ ސަރުކާރެއް ގެނައީ ދޮގު ވާހަކަތަކެއް ފަތުރައި، ޔާމީންގެ ބޮލުގައި އެތަކެއް އިލްޒާމެއް އެޅުވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ދެ ދުވަހު ދެ ގޮތަށް ވާހަކަ ދައްކާ ބައެއް ނޫން، އަޅުގަނޑުމެން ވާހަކަ ދައްކާނީ އެއްގޮތެއްގަ ސާބިތުވެ ތިބެގެން، އަޅުގަނޑުމެން ވާހަކަ ދައްކާނީ އެއް ޕޯޑިިއަމެއްގަ ތިބެގެން،"
އަބްދުއްރަހީމް އަބްދުالله | ޕީއެންސީގެ ޗެއާޕާސަން

"އެއް ދުވަހު އެއް ޕޯޑިއަމްގަ، އަނެއް ދުވަހު އަނެއް ޕޯޑިއަމްގަ ތިބެގެން އަޅުގަނޑުމެން ސިޔާސީ ވާހަކައެއް ނުދައްކާނަން،" ޖަމީލަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ޖަމީލަށް މިފަދައިން އަބްދުއްރަހީމް ރައްދު ދެއްވީ މިދިޔަ ހޯމަ ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ޖަމީލް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައެވެ. ޖަމީލް ވިދާޅުވީ، މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީ ޔާމީންގެ ފޮޓޯގަނޑު ޖައްސަވައި ކުރެއްވި ކެމްޕެއިނުގެ ސަބަބުން ކަމަށާއި، ޖަލުގައި އެތައް ދުވަހެއް ހޭދަކުރައްވައި ޔާމީން ވެވަޑައިގަތް ގުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ހެދޭނެ އެންމެ ބޮޑު ގޯހަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލިބުނު ކާމިޔާބީ ހަނދާނުން ނައްތާލުން ކަމަށެވެ.