ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ހިނގާލުމުގައި މާނަ ފުން މެސެޖުތަކެއް ފޯރުކޮށްދީފިއެވެ.

އިސްރާ އެސޯސިއޭޝަނުން މަހަލްދީބު ޖަމިއްޔާ އާއި ކޭކް ޑޯނާސްގެ އިތުރުން ރައިޓް މޫވްމަންޓްސާއި މަމްސް އެއިޑާއި ގުޅިގެން މިއަދު މާލޭގައި ބޭއްވި ހިނގާލުން ފަށާފައި ވަނީ ހަވީރު 15:45ގައި މާފަންނު ރަސްފަންނު ކައިރިންނެވެ.

ގިނަ އަދަދެއްގެ ކަނބަލުން ބައިވެރި މި ހިނގާލުމުގައި ވަނީ މާނަ ފުން މެސެޖުތަކެއް މުޅި ދުނިޔެއަށް ދައްކުވާ ދީފައެވެ. ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ލިޔެފައިވާ އެކި އެކި ޕޯސްޓަރު ތަކުގެ އިތުރުން ފަލަސްތީނުގެ ދިދަ ހިނގާލުމުގެ ބައިވެރިން ވަނީ ބޭނުން ކޮށްފައެވެ. މި ހިނގާލުމުންވެސް އެންމެ އަސަރު ގަދަ މަންޒަރަކަށް ފެނިގެންދިޔައީ ހިނގާލުމުގެ އިސް ސަފުގެ ބައިވެރިން ހިފައިގެން ތިބި އޮޅާލާފައިވާ ހުދު ފޮތި ތަކުގައި ރަތް ކުލަ ހާކާފައިވާ މަންޒަރެވެ.

މިއީ މިއަދު ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުގެ ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ ކުށެއް ނެތް ތުއްތު މައުސޫމް ކުދިންގެ ފުރާނަތައް ދައްކުވާދޭ ކަފުނެވެ. މިއަދުގެ ހިނގާލުމުން އަންހެން ކަނބަލުން މުޅި ދުނިޔެއަށް ދައްކުވާ ދިނީ ޔަހޫދީންގެ ލާއިންސާނީ އަމަލުތަކުން އެތައް މަޔަކު ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުމެވެ. މިއީ އެތައް ބައެއްގެ ހިތް ފަޅައިގެން ދިޔަ މަންޒަރެކެވެ.

ހިނގާލުމުގެ ބައިވެރިއެއްގެ ހިޔާލު ފާޅުކޮށް ދިން އިންޓަވިއުގައި ބުނެފައި ވަނީ މުޅި ދުނިޔެއަށް ވެސް ދައްކުވާދޭން ބޭނުންވަނީ ފަލަސްތީނުގެ މުސްލިމުން ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ކަމަށާއި މި ކަހަލަ ހިނގާލުމަކުން އަދި ފަލަސްތީނުގެ މައިން އުފުލަމުންދާ ތަކުލީފު ވަޒަން ވެސް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެމީހެއްގެ ނޫންނަމަ އެބައެއްގެ ފެންވަރުން ޔަހޫދީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާގެ އަޑު އުފުލަން ޖެހޭނެ ކަމަށްވެސް އެ ބައިވެރިޔާ ފާހަގަކޮށްފައި ވެއެވެ.

މި ހިނގާލުމުގައި ބައިވެރިވި ކަނބަލުންގެ ރޫހު ދައްކުވާ ދީފައި ވަނީ ފަލަސްތީނު މުސްލިމް އެތައް އަންހެން ކަނބަލުންނެއް ވަމުންދާ ގުރުބާނީއެވެ. ހުސްވި މަހުގެ ހަތް ވަނަ ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން ބަދަލުގައި އިޒްރޭލުން ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. ޔަހޫދީ އިޒްރޭލުން މިހާރު ފަލަސްތީނުގައި ހިންގަމުން އަންނަ ގަތުލު އާންމުގައި މިހާތަނަށް ވަނީ 9000 އަށްވުރެގިނަ ފަލަސްތީނު މީހުން ޝަހީދުވެފައެވެ.

މި ހަމަލާ ތަކުގެ ސަބަބުން އަސާސީ ހިދުމަތްތަކުން އެ ގައުމުހެ މުސްލިމުން މަހުރޫމް ވެފައިވާއިރު އެކި ގައުމުތަކުން ދަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް މަގުތަކުގައި އަޑުއުފުލަމުންނެވެ. އެގޮތުން މުސްލިމު ގައުމު ތަކުންނާއި މުސްލިމު ނޫން ގައުމުތަކުންވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ހިނގާލުންތައް ދަނީ ބާއްވަމުންނެވެ.