އިޒްރޭލުގެ އުދުވާނީ ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް 14،000 މީހުން ޖަމާވެ ތިބި ގާޒާގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލްގެ ބުޑަށް ބޮން އަޅާތާ ހަފްތާއެއް ވާން ދާ އިރު، ގޮވުންތަކުގެ އަޑު ހޮސްޕިޓަލް ސަރަހައްދުން ނުކެނޑެއެވެ.

ފަލަސްތީން ރެޑް ކުރެސެންޓުން ބުނާގޮތުން އެންމެ ފަހުން ދިން ހަމަލާތަކުގައި 21 މީހަކު ވަނީ ޒަހަމްވެފައެވެ. ބޮން އަޅަމުން ދަނީ އލް ގުދުސް ހޮސްޕިޓަލް ހުންނަ ތަލް އަލް ހަވާ އަށެވެ. އެއީ ގާތްގަނޑަކަށް 500 މީޓަރު ކައިރިއެވެ. އެތަނަށް އަަޅާ ބޮންތައް ގޮވާ އަޑުފައްގަނދުގެ އިތުރުން، ހޮސްޕިޓަލަށް އަަރަމުން ދާ އިރު ކުޑަދޮރުތައް ތެޅި ހޮސްޕިޓަލްގެ ތެރެއަށް ހިރަފުހާއި ދުންގަނޑުވެސް ވަންނަމުން ދެެއެވެ.

މެދު ނުކެނޑި 2 ދުވަހު އެތަނަށް ބޮން އަޅާފައި ވާ އިރު، ހޮސްޕިޓަލުން ތެޅުނު ދޮރުތަކުގެ ބިއްލޫރިތައް ވެސް މެދުގެ ތެރެއަށް އެޅިފައި ވެއެވެ. އެތަނުގައި ތިބި އާންމުން ހާސް ކަމުގައި ކޮޅުކޮޅު މައްޗަށް ހިނގަމުން ދާއިރު ޒަހަމްވެފައި ތިބި މީހުންވެސް ތަޅުންގަނޑު މަތީގައި ތިބޭތަން ފެންނަ ވީޑިއޯ ރެޑް ކްރެސެންޓުން އާންމު ކޮށްފައި ވެއެވެ.

އަދި ހަމަލާތަކުގައި ސީލިން އިން ބައެއް ވެއްޓި ބަޔަކަށް އަނިޔާވެފައި ވާ ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

އަލް ގުދުސް ހޮސްޕިޓަލްގެ އަޑީގައި ހަމާސް އިން ބިންގަރާސް ހަދައިގެން ތިބި ކަމަށާއި އެތަން ހުސްކުރަން އިޒްރޭލުން އެތައް ފަހަރަކު ވަނީ އިންޒާރު ދީފައެވެ. އަދި އެތަން ގޮއްވާލާނެ ކަމަށް ވެސް މީގެ ކުރިން ބުނެފައި ވެއެވެ.

ނަމަވެސް އެތާ ވެންޓިލޭޓަރުގައި ތިބި ބަލި މީހުންނާއި އިންކިއުބޭޓަރުތަކުގައި ތިބި ތުއްތު ކުދިންނާއި ހިޔާވަހިކަށް ހޯދަން ވަދެތިބި 14000 އެއްހާ މީހުން ދޫކޮށް، ނުދާނެކަމަށް މެޑިކަން އޮފިސަރުން ވަނީ ބުނެފައެވެ.

އިޒްރޭލުގެ އުދުވާނު ހައްދުފަހަނައަޅާ ގޮސްފައި ވާ އިރު، ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް އަލްޝިފާ އަށް އަމާޒުކޮށް ކައިރި ސަރަހައްދުތަކަށް ވެސް އަންނަނީ ބޮން އަޅަމުންނެވެ. ބޭނުމަކަށް ވަނީ އެތަންތާނގައި ތިބި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ އެމީހުން އެތަނުން ނުކުމެގެން ދިޔުމެވެ.

އިޒްރޭލުގެ ހަމަލާތައް އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒު ކުރަމުން އަންނަ އިރު، ހޮސްޕިޓަލްތަކުގެ އިތުރުން ކްލިނިކްތަކާއި، ރެފިއުޖީ ކޭމްޕްތަކާއި ސްކޫލުތަކަށް ވެސް އަންނަނީ ހަމަލާ ދެމުންނެވެ. އެގޮތުން އދ އިން ހިންގާ ގާޒާގެ ސްކޫލަކަށް ވައިޓް ފޮސްފަރަސް ބޮން ވެސް އިއްޔެ ވަނީ އަޅާފައެވެ. މިއީ ހަނގުރާމައިގައި ބޭނުން ކުރުން މަނާ ހަތިޔާރެއް ވެސް މެެއެވެ. މި ބޮމަކީ އެ ގޮވާ އޭގެ އެތިއެތިކޮޅު މީހުންގެ ގައިގައި ޖެހިއްޖެ ނަމަ ހަށިގަނޑުގައި ލޯވަޅުތައް [ވަޅުގަނޑުތައް] ހެދޭ ނުރައްކަތެރި ހަތިޔާރެކެވެ.

ހަނގުރާމައަށް 26 ދުވަސް ވެގެން ދިޔަ އިރު، ގާޒާގެ އެތަން މިތަނަށް އެޅި ބޮމާއި ދިން މިސައިލް ހަމަލާތަކާއި ވައްޓާލި ގޮވާތަކެތި އެއްކޮށްލުމުން އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއަށް ވައްޓާލި 13،000 ޓަނުގެ ބޮމުގެ ދެގުނަ އާ އެއްވަރުގެ ގޮވާތަކެތި ގާޒާއަށް އެޅުނީއެވެ.