އަމިއްލަ މިނިވަންކަމުގެ ދިފާއުގައި މި ދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ދެކޮޅަށް އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ. ހަނގުރާމަ އިއުލާންކޮށް ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 9061 އަށް އަރާފައެވެ.

ޕަލަސްތީންގެ ސިއްހަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި، މިއަދު އެގައުމުން 256 މީހުން ޝާހިދުވެފައިވާ އިރު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 9061 އަށް އަރާފައެވެ. އޭގެތެރޭގައި 3760 ކުޑަކުދިންނާއި 2326 އަންހެނުން ހިމެނެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން ދެމުންދާ ހަމަލާގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 32000 އަށް އަރާފައިވާ އިރު، އޭގެތެރެގައި 6360 ކުޑަކުދިންނާއި 4891 އަންހެނުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކުން ޝަހީދުވި މީހުންގެ އަދަދު ވަނީ 132 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 2000 އަށް އަރާފައި ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މީހުން ދިރިއުޅޭ އެތައް ގެއެއް ފުނޑުފުނޑުވެ ބިމާ ހަމަވެފައިވާ އިރު، ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި ގިނަ ބަޔަކު ތިބޭނެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އެ ގޮތުން މިހާރު 2030 މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ އިރު އޭގެތެރޭގައި 1020 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި 4000 އެއްހާ ފަލަސްތީންގެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، މި ހަފްތާތެރޭގައި ދެފަހަރެއްގެ މަތިން ގާޒާއިން މުއާސަލާތީ ހިދުމަތް ވަނީ ކެނޑިފައެވެ. ކަރަންޓާއި، ފެން ނުލިބޭ އިރު، ކާބޯތަކެތީގެ ދަތިކަމާ ވެސް އެތައް ބަޔަކު އަންނަނީ ހަނގުރާމަ ކުރަމުންނެވެ. ސާފު ބޯފެން ނުލިބުމުގެ ސަބަބުން ބަލިމަޑުކަމާ ކުރިމަތިލަމުންދާ އެތައް ބަޔަކު އެބަ ތިބި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތައް އެތައް ގައުމަކުން ކުށްވެރިކޮށް އަޑުއުފުލަމުން ދިޔަ ނަމަވެސް އަދި ވެސް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާކަށް ގަސްތެއް ނުކުރެއެވެ. އެންމެ ފަހުން އިޒްރޭލުން ވަނީ ގާޒާގައި ހުންނަ އަލްގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިންޒާރު ދީފައެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި އެތައް ބަޔަކު އެޑްމިޓްކޮށްފައިވާ އިރު، އިންކިއުބޭޓަރުތަކުގައި ތިބި އެތައް ކުދިންތަކެއްގެ ފުރާނައަށް ގެއްލުންވާނެ ކަަމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެއެވެ. އެ ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލުން އިންޒާރު ދީފައިވާ އިރު، ދާދި ފަހުން އިޒްރޭލުން ވަނީ އެ ހޮސްޕިޓަލާ ވަަރަށް ގާތަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ.

މީގެ އިތުރުން އިއްޔެ އަލް ޝީފާ ހޮސްޕިޓަލާ ކައިރިގައި ހުރި ބޭކަރީއަކަށް ހަމަލާ ދީފައިވާ އިރު، އެ ސަރަހައްދުން ވެސް ގިނަ ބަޔަަކު ވަނީ ޒަހަމްވެފައެވެ. އަލްޝީފާ ހޮސްޕިޓަލުން ބުނާ ގޮތުގައި، 2600 މީހުން ގެއްލިގެން އާއިލާތަކުން ރިޕޯޓް ކޮށްފައިވާ އިރު، އޭގެތެރެއިން 1150 ކުޑަކުދިން ތިބީ ގާކުނޑިތަކުގެ ދަށުގައި ކަމަށް ބެލެވެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 135 މެޑިކަލް ސްޓާފުން ޝަހީދުވެފައިވާ އިރު 25 އެމްބިއުލާންސް ވަނީ އެކީ ހަލާކުވެފައެވެ. ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. މިހާރު ޒަހަމްވެގެން ހޮސްޕިޓަލްތަކަށް ގެންދާ ބަލި މީހުންނަށް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލްތަކުގެ ކޮރިޑޯތަކުގައި ތަޅުން މަތީ ބާއްވައިގެންނެވެ. ބައެއް ސާޖަރީތައް ކުރާ އިރު އައްސި ކުރެވޭނެ ހާލަތެއް ނެތެވެ. ތަދު ކަނޑުވަން ދޭ ބޭސް ހުސްވުމުގެ ސަބަބުން އެފަދަ ބޭސްތައް ވެސް ނުދީ ސާޖަރީތައް ކުރަން ޖެހޭތީ ހޮސްޕިޓަލް ތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޒަހަމްވި ފަލަސްތީނު މީހުން އައްސޭރިފަށުގެ މަގުން ރަފާއަށް ގެންދަން އުޅުނު އެމްބިއުލާންސްއަކަށް އިޒރޭލުން ހަމަލާދީފައި

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރައިން ބުނާގޮތުގައ އެ ގައުމުގައި ހިންގަމުން ދިޔަ 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލުން މިހާރު ހިދުމަތް ދިނުން ވަނީ ހުއްޓާލާފައެވެ. އޭގެތެރޭގައި އެ ގައުމުގައި ކެންސަރު ބައްޔަށް ފަރުވާ ދޭ ހޮސްޕިޓަލް ކަމަށްވާ ތުރުކީ-ފަލަސްތީން ފްރެންޑްޝިޕް ހޮސްޕިޓަލް ހުއްޓުމަކަށް އައީ އެ ހޮސްޕިޓަލަށް ތެޔޮ ލިބުމުގެ ދަތިކަމާ ކުރިމަތިލާން ޖެހި އޮޕަރޭޝަން ހުއްޓާލަން ޖެހުމުންނެވެ.

ގާޒާގެ މި ހާލަތާ މެދު ހަމްދަރުދީވާ އެތައް ބަޔަކު ތިބި ނަމަވެސް، އާންމުން މަގުތަކަށް ނިކުމެ އަޑު އުފުލާ އިރު، ބައިނަލްއަގްވާމީ މުއާހަދާތަކުން މި ކަމުގައި މާބޮޑު ފިޔަވަޅެއް އަޅާ ތަނެއް ނުފެނެއެވެ. ކޮންމެ ބަޔަކުވެސް ކުޑަކުދިން މެރުމާއި ހިންގާ ލާއިންސާނީ ޖަރީމާ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ބަހެއް ބުނި ނަމަވެސް ސީދާ މި ޖަރީމާ ހުއްޓުވުމަށް އދ އާއި އީޔޫ ފަދަ ޖަމިއްޔާތައް ވަނީ ނުކުޅެދިފައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މިހާތަނަށް އިޒްރޭލާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި، އަޑު އުފުލާފައި ވަނީ ބޮލީވިއާ އެކަންޏެވެ.