އަންނަ އަހަރުގެ ހޫނު މޫސުމަށް ނުވަތަ 'ޕީކް ސީޒަނަށް' ސްޓެލްކޯ އިން ވާން ޖެހޭ ތައްޔާރީތައް ވަމުން ނުދާތީ އިންތިހާބީ ރައީސް އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންތިހާބީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ސްޓެލްކޯ އިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ ހަކަތަ އަހަރަކަށް ވުރެ އަހަރެއް އިތުރުވެފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރެއްގެ ހޫނު މޫސުމުގެ ކުރިން ކަރަންޓު އަޕްގްރޭޑުކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ސްޓެލްކޯ އާ އެކު ކުރެވުނު މަޝްވަރާތަކުން، އަންނަ އަހަރުގެ ހޫނު މޫސުމަށް އެ ކުންފުނިން ތައްޔާރު ނުވެ އޮތް ކަން ފާހަގަކުރެވުނު ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަރަންޓު އަޕްގްރޭޑުކުރުމަށްޓަކައި ސްޓެލްކޯ އިން ޖެމްސެޓުތައް އޯޑަރުކޮށްފައި ހުރި ނަމަވެސް އަސާސީ ބައެއް ސާމާނުތައް ކަމަށްވާ ޓްރާންސްފޯމަރުތަކާއި ސްވިޗް ގިއާ ފަދަ ތަކެއްޗަށް އޯޑަރު ކޮށްފައި ނުވާ ކަން އިންތިގާލީ ކޮމިޓީ އަށް ފާހަގަވެފައިވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ، އެ ސާމާނުތައް ލިބޭ ވަރު ވާނީ އޯޑަރުކުރާތާ 3-4 މަހުގެ ތެރޭގައި ކަން ފާހަގަކުރެވުނު ކަމަށާއި، އެހެންކަމުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތް ރަނގަޅު ސްޕީޑެއްގަ ނުދާ ކަން ފާހަގަވާ ކަމަށެވެ.
މި ކަންކަން ފާހަގަވުމާ ގުޅިގެން، ހޫނު މޫސުމަށް ތައްޔާރުވުމަށްޓަކައި ސްޓެލްކޯ އާ މަޝްވަރާތައް ކޮށް މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަ އެހެންމެ ފިރުޒުލް ވަނީ ސްޓެލްކޯގެ ބައެއް ތަފާސްހިސާބުތައް ވެސް އާންމުކުރައްވައިފައެވެ. އެގޮތުން:
- ސްޓެލްކޯގެ ޖުމްލަ ދަރަނި: 3.7 ބިލިއަން ރުފިޔާ
- 2018 ނިމުނު އިރު 928 މުވައްޒަފުން، މިހާރު 1،688 މުވައްޒަފުން މަސައްކަތްކުރޭ
- މި އަހަރު އެކަނި 400 މުވައްޒަފުން ނެގިއިރު، އިންތިހާބަށް ފަހު ނެގި 42 މުވައްޒަކު ވެސް ހިމެނޭ
ފިރުޒުލް ވިދާޅުވީ، ޖުމްލަ ގޮތެއްގައި ސްޓެލްކޯ އިން މާލީ ގޮތުން ފައިދާ ހޯދަމުން ދިޔަ ނަމަވެސް، މިވަގުތު އެ ކުންފުނި އޮތީ އެވަރެޖް ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، ޑޮލަރު ލިބުމުގެ ދަތިތަކާއި ކޭޝްފްލޯ ދަތިވުމުގެ ސަބަބުން ސްޓެލްކޯ އިން އަންނަ އަހަރު އަދާކުރަން ޖެހޭ 185 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް ދަތިވާނެ ކަން ފާހަގަކުރެވުނު ކަމަށާއި، އެ ކުންފުންޏަށް މިހާރު ފައިދާވި ނަމަވެސް، ދައުލަތުގެ ފަރާތުން ކެޕިޓަލް އިންޖެކްޓުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.