ބިލިއަނުން ދަރައި ގެއްލުމެއްގައި ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް، އިންތިގާލީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
އިންތިގާލީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ ޔޫޓިލިޓީ ކުންފުނިތަކުން އެއްކުރެވުނު މައުލޫމާތުތަކަށް ބަލާއިރު ތިން މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ.
އެ ކަންކަމަކީ:
- ކުންފުނިތަކުގެ ދަރަނީގެ ހާލަތު
- މާލީ ހިންގުމާއި އިދާރީ ހިންގުމުގައި ހަރުދަނާކަން ނެތުން
- ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތައް ދައުލަތަށް ބުރަޔަކަށް ވުން
ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން 4.1 ބިލިއަންގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ. އޭގެ ތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ ކަމަށާއި، 901 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިރުޒުލް ވިދާޅުވީ، 1،149 ވެންޑަރުންގެ ބިލުތަކަށް ފެނަކަ އިން އަދިވެސް ފައިސާ ނުދައްކާ ކަމަށާއި، އެގޮތުން ވެންޑަރުންނަށާއި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާ ދައްކަން ޖެހޭ މުއްދަތު ފާއިތުވެ، އަހަރަކަށް ވުރެ ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.
މުވައްޒަފުންގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި ފިރުޒުލް ވިދާޅުވި ގޮތުގައި:
- 2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުން، އެ އަހަރުގެ ނިޔަލަށް މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް މަހަކު 23 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރި
- މި އަހަރުގެ މިހާތަނަށް ފެނަކައިގައި ތިބީ 8،126 މުވައްޒަފުން، މިހާރު މުވައްޒަފުންގެ މުސާރަ އަށް މަހަކު 82 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރޭ
- މި އަހަރުގެ މާޗް މަހަށް ފަހު 747 މުވައްޒަފުން އިތުރަށް ނަގާފައިވޭ
ހަމަ އެހެންމެ ފެނަކައިގައި މަސައްކަތްތައް ކުރާ ގޮތަށް ލުއިފަސޭހަކަން ލިބިގެން ދިޔަ ނަމަވެސް، އެންމެ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން އިތުރުކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުގައި ބިލު ފަދަ ތަކެތި ތައްޔާރުކުރުން ނަންގަވައި ފިރުޒުލް ވިދާޅުވީ އެ މަސައްކަތް ކުރަން ހަތް މުވައްޒަފުން އޭރު ތިބި ނަމަވެސް އެ މަސައްކަތްކުރަން 40 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން އެބަ ތިބި ކަމަށެވެ.
ފެނަކައިގެ އަހަރީ ބަޖެޓު ފާސްކުރުމުގައި ހިފަހައްޓަން ޖެހޭ މާލީ މިންގަނޑުތައް ނުހިފަހައްޓައި ކުންފުނީގެ ބޯޑުން ބަޖެޓު ފާސްކޮށްފައިވާ ކަން ވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ފާސްކުރި ޖުމްލަ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާގެ ދަރަނި، އަދި މި އަހަރު ފާސްކުރި ބަޖެޓުގައި 960 މިލިއަން ރުފިޔާގެ ދަރަނި ހިމަނާފައިވާ ކަން ފާހަގަކުރެއްވިއެވެ.
ފެނަކަ މާލީ ގޮތުން އުނދަގޫ ހާލަތަކަށް ވެއްޓެން ދިމާވި ސަބަބުތަކުގެ ގޮތުގައި ފިރުޒުލް ފާހަގަކުރެއްވި ސަބަބުތަކުގެ ތެރޭގައި ފެނަކައިން ޑެފިސިޓް ފައިނޭންސްކުރާނެ ހަރުދަނާ ގޮތެއް ފާހަގަކޮށްފައި ނެތުމާއި، ބަޖެޓުކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ޕްރޮކިއުމެންޓްތަކާއި މަޝްރޫއުތަކާއި މުވައްޒަފުން ނެގުން ފަދަ ކަންކަން ކުރިއަށް ގެންދިއުމާއި، އެ ކަންކަމުގެ ސަބަބުން ފެނަކައިގެ ދަރަނި ބޮޑުވެ ދަރަނިތައް އަދާކުރުމަށް ބޮޑެތި އިންޓްރެސްޓްތަކުގަ ލޯނު ނަގާފައި އޮތުން ފަދަ ކަންކަން ހިމެނެއެވެ.
އަދި އެ ކުންފުނިން މިދިޔަ އަހަރުގެ އޮޑިޓު ފުރިހަމަނުކުރާ ކަމަށާއި، މި އަހަރުގެ މާލީ ހިސާބުތަކުގެ އިތުރުން ކުންފުނީގެ އިންވެންޓްރީގެ ތަފްސީލާއި ވެންޑަރުންގެ ލިސްޓު އިންތިގާލީ ކޮމިޓީ އާ ހިއްސާނުކުރާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ސަބަބުތަކާ ހެދި ފެނަކަ އަށް ދައުލަތުން ވަނީ ބައި ބިލިއަނެއްހާ ރުފިޔާ ހަރަދުކުރަން ޖެހިފައެވެ.
މިހާރު ވެސް ގެއްލުމުގައި ހިންގަމުންދާ ފެނަކަ އިން އެސްއެމްއީތަކަށް ދޭން ހުރި ލާރި ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމެންޓުގެ އޮޑިޓަކާއި މާލީ އޮޑިޓެއް ކުރުމަށާއި އެ ކުންފުނިގެ ދަރަނިތައް އަދާކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާ މަޖިލީހަށް ގަރާރެެއް ހުށަހަޅާފައިވާއިރު، މަޖިލީހުން އެ ގަރާރު ބަލައިގަނެ، މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ގަރާރު ދިރާސާކުރުމަށް ފޮނުވައިފައެވެ.
ފެނަކައިގެ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކެއް ބަލަމުންދާ ކަމަށް އޭސީސީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބުނެފައެވެ. ނަމަވެސް ފެނަކަ އިން ވަނީ މިއީ އެ ކުންފުނީގެ އަގުވައްޓާލުމަށް ބަޔަކު ދައްކާ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.