އަލްޝިފާ ހޮސްޕިޓާލާ މާ ދުރު ނޫން ސަރަހައްދެއްގައި ހުރި އަލް ޝަރަގް ބޭކަރީއަކަށް އިޒްރޭލުން ބޮން އަޅައިފިއެވެ.

އަލްޝިފާ ހޮސްޕިޓަލާ 1 ކިލޯމީޓަރު ދުރުގައި ހުންނަ އަލްނަސްރު އަވަށުގައި ހުންނަ އަލް ޝަރަގް ބޭކަރީއަކީ ގާޒާގައި ބާކީ ހުރި މަދު ބޭކަރީތަކުގެ ތެރޭގައި ހިމެނޭ ބޭކަރީއެކެވެ. އެ ބޭކަރީ އާއި ވަށައިގެންވާ ސަރަހައްދަށް ވަނީ އިޒްރޭލުން ބޮން އަޅާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ބޭކަރީއަށް ބޮން އެޅި އިރު އެތައް ބަޔަކު ތިބީ ބޭކަރީ ކައިރިއަށް ޕާނާއި ބަނަސް ހޯދަން ގޮސް ކިއުގައި ކަަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އަދި އެނގިފައި ނުވާ ކަަމަށް ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ، އެ ސަރަހައްދަށް ދިން ހަމަލާގައި މަރުވި މީހުންނާއި ޒަހަމްވި އެތައް ބަޔަކު އެ ހޮސްޕިޓަލަށް ގެންނަމުން ދާ ކަމަށެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ބޭކަރީތަކަށް އަމާޒުކޮށް ބޮން އެޅުމުގެ ސަބަބުން ގާޒާގައި ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް ބަނަހާއި ޕާން ލިބުމުގެ ދަތިކަން ވަނީ ބޮޑުވެފައެވެ.

އައި ހޮސްޕިޓަލަށް ދިން ހަމަލާގައި އެތަން ރޯވެ އަނދަނީ

ބޭކަރީއަކަށް ބޮން އަޅާފައިވާ އިރު ގާޒާގައި ހުންނަ އައި ހޮސްޕިޓަލަކަށް ވެސް މިއަދު ވަނީ ބޮން އަޅާފައެވެ. މިހާދިސާގައި އަލިފާންގަނޑު ފެތުރެމުން އަންނަ ކަމަށް ގާޒާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ އިރު މިހާދިސާގައި ވެސް އަނިޔާވި މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، އިއްޔެ އިޒްރޭލުން ވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަަހައްދަށް ވެސް ބޮން އަލާފައެވެ. އެ ހަމަލާއަށް 24 ގަޑި އިރު ނުވަނީސް މިއަދު އަނެއްކާވެސް އެ ސަރަހައްދަށް ވަނީ އިޒްރޭލުން ބޮން އަޅާފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދަކީ 8796 ކަމަށް އަލްޖަރީ ނޫހުން ބުނެއެވެ. އަދި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު ވަނީ 22،000 އިން މައްޗަށް ގޮސްފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3648 ކުޑަކުދިންނާއި 2290 އަންހެނުން ހިމެނޭ ކަމަށް އަލްޖަޒީރާ ނޫހުން ރިޕޯޓް ކުރެއެވެ.