ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދާ ބައެއް މަސައްކަތްތައް ހުއްޓާލަން އެންގިނަމަވެސް އެތަންތަނުގެ އިދާރީ ހިދުމަތްތައް ދެވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއ،ި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެކޮމިޝަނުން ހުއްޓުވަނީ އެކަންކަމާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ތަހުގީހުތައް ކުރިއަށް ގެންދާތީ ކަމަށެވެ.

އަދި އެފަދަކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީ ކަމަށް އޭސީސީން ބުނެއެވެ. މިގޮތަށް އަންގާ އެންގުމަކ،ީ ވަގުތީގޮތުން އަންގާ އެންގުންތަކެއް ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން އިތުރަށް ބުނީ، ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ އެ ބަދަލެއް ކޮމިޝަނުން ގެނެސް އެ އެންގުމެއް ރައްދުވާ ފަރާތަށް އެކަން އަންގަމުންގެންދާނެ ކަމަށެވެ.

ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސ،ް އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ހިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް މިކޮމިޝަނުން އަންގާފައި ނުވާނެ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، ކޮމިޝަނުން ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަހުގީގުތައް ވީހާވެސް އަވަހަށް ނިންމުމަށް ކޮމިޝަނުން ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރަމުންގެންދާ ކަމަށެވެ.