ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަަލާގައި، އިއްޔެގެ ވަގުތެއްގައި 1 ޓަނުގެ 6 ބޮން ވައްޓާލައި ސުންނާފަތިކޮށްލި ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަނެއްކާވެސް މިއަދު ބޮން އަޅައިފިއެވެ.

ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދެވަނަ ފަހަަރަށް ބޮން އަޅާފައި މި ވަނީ އެ ކޭމްޕަށް އިއްޔެ ދިން ބޮމުގެ ހަމަލާއަށް 24 ގަޑިއިރު ވެސް ނުވަނީހެވެ. އިއްޔެ އެ ކޭމްޕަށް ދިން ހަމާލާގައި 50 މީހުން މަރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފައި ވެއެވެ.

އެ ސަރަހއްދަށް އަނެއްކާވެސް އިޒްރޭލުން ހަމަލާ ދީފައިވާ އިރު، އިއްޔެ ދިން ހަމަލާގައި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމާއި މީހުންގެ ހަށިގަނޑުތައް ހޯދުމުގައި މިއަދު ވެސް ހަރަކާތްތެރި ވަމުން ދިޔަ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޖަބަލިއާއަށް ދިން ހަމަލާގެ ތެރެއިން / ފޮޓޯ: ރޮއިޓާސް

މިއީ އެންމެ ފަހުން އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޖަރީމާއެވެ. އިޒރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ބައިނަލްއަގްވާމީ މުޖުތަމައުން އަޑުއުފުލި ނަމަވެސް މި ހަނގުރާމަ ހުއްޓުވަން މާ ބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. ކޮންމެ ބަޔަކުވެސް ކުޑަކުދިންނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ކުށްވެރިކޮށް ޕަަލސްތީނަށް ފޮނުވާ އިންސާނީ އެހީ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ގޮވާލަމުން ދާ ތަން ފެނެއެވެ.

މިފަދަ ބޮޑު ޖަރީމާއެއް އިޒްރޭލަށް ހިންގުމުގެ ބާރު ލިބިފައި ވަނީ ހުޅަނގުގެ ބައެއް ގައުމުތައް ހާއްސަކޮށް އެމެރިކާއިން ހިތްވަރު ދޭތީ ކަަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަަމަވެސް ހަނގުރާމަ މިހާ ހިސާބަށް ގޮސް މިކަން ހުއްޓުވުމަށް ހިއުމަން ރައިޓްސްއަށް ވަކާލާތު ކުރާ ފަރާތްތަކާއި ޔޫއެން ވެސް ނުކުޅެދިފައިވާ ކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ޔޫއެން އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ލޯ ކުރިމަތީ ހިންގާ ބޮޑެތި ޖަރީމާތައް ނުފެންނަ ކަމަށް ހަދައިގެން ބަޔަކު އެ ތިބެނީ ކަމަށް ފަަލަސްތީންގެ ދިފާއުގައި ވާހަކަ ދައްކާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދަކީ 8796 ކަމަށް އަލްޖަރީ ނޫހުން ބުނެއެވެ. އަދި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު ވަނީ 22،000 އިން މައްޗަށް ގޮސްފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި 3648 ކުޑަކުދިންނާއި 2290 އަންހެނުން ހިމެނޭ ކަމަށް އަލްޖަޒީރާ ނޫހުން ރިޕޯޓް ކުރެއެވެ.