ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަަލާގައި، 1 ޓަނުގެ 6 ބޮން ވައްޓާލައި ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް އެކީ ސުންނާފަތި ކޮށްލައިފި ކަަމަށް ގާޒާގެ ދާހިލީ ވުޒާރާއިން ބުނެފިއެވެ.

ގާޒާގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު އިޔާދު އަލް ބަޒުމް ވިދާޅުވީ، ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދު އިޒްރޭލުން ސުންނާފަތި ކޮށްލާފައި ވަނީ އެމެރިކާއިން އުފައްދާފައިވާ ހަ ބޮން އަޅައިގެން ކަަމަށެވެ.

މިއީ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ޖަރީމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ސަރަހއްދަކީ އެތައް ސަތޭކަ ބަޔަކު ދިރިއުޅޭ ސަރަހައްދެއް ކަަމަށާއި ގާތްގަނޑަކަށް 400 އެއްހާ މީހުން ޝަހީދު ވެފައި ވާނެކަމަށް ނުވަތަ ޒަހަމްވެފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓެއް ކަމަށްވާ ޑރ މެޑްސް ގިލްބާޓް އަލްޖަޒީރާ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، އިޒްރޭލުން ޖަބަލިއާ ކޭމްޕުގައި ތިބި އާންމުންގެ 15 ގެއަކަށް ބޮން އެޅި ކަމަށެވެ. އެންމެ ފަހުނު ލިބުނު ނަމްބަރުތައް ހާމަކުރަމުން އޭނާ ބުނީ، ގާތްގަނޑަކަށް 100 މީހުން މަރުވެ، 300 މީހުން ޒަހަމްވެފައިވާ ކަަމަށެވެ.

ޝަހީދުވި މީހުން ބޮޑު ވަޅެއް ކޮނެ ވަޅުލަނީ / ފޮޓޯ: ޓައިމްސް އޮފް ގާޒާ

ގާޒާ ޓައިމްސް ނޫހުން ރިޕޯޓް ކުރާ ގޮތުގައި، މިހަމަލާއަށް ފަހު ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 10،000 އާ ގާތްވެފައި ވާ ކަމަށެވެ. ގާޒާގެ ބައެއް ގަބުރުސްތާނުތައް ފުރި، ހަށިތައް އެންމެން އެކުގައި ވަޅުލަނީ ކޮންމެ ތަނެއްގައި ވެސް ބޮޑެތި ވަޅުތައް ކޮނެގެން ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ކޮންކްރީޓް ކުނިތަކެއްގެ ތެރޭގައި ސަލާމަތްވި މީހުން ހޯދުމުގައި ސަލާމަތްކުރާ މީހުންނާއި ވޮލަންޓިއަރުން އުޅޭތަން ފެނެއެވެ. އަދި އެ ސަރަހައްދުގައި ހުރި އިމާރާތްތައް އެކީ ފުންޑުފުނޑު ވެފައިވާ އިރު، ހަލާކުވެފައިވާ އިމާރާތްތައް ގުނަން ދައްޗެވެ.

އެ ވީޑިއޯތަކުން ޒަހަމްވެފައިވާ މީހުންތައް ނަގައިގެން ގެންދާ މަންޒަރު ވެސް ފެނެއެވެ. އަދި މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަަމަށް ރިޕޯޓްތައް ބުނެއެވެ.