އޮގަސްޓް 6، 1945 ގައި އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއަށް ވައްޓާލި އެޓޮމިކް ބޮމުގެ ސަބަބުން ޖަޕާނުގެ ރައްޔިތުންނަށް މިއަދުވެސް އަރައި ނުގަނެވޭ ވާހަކަ ދައްކާއިރު، މި ވީ 3 ހަފްތާގެ ތެރޭގައި އިޒްރޭލުން ގާޒާއަށް ވެސް އެހާވަރުގެ އަދަދަކަށް ބޮން އަޅައިފިއެވެ.

ހީރޯޝީމާއަށް ވައްޓާލި އެޓޮމިކް ބޮމަކީ 13،000 އާއި 15،000 ދެމެދުގެ އަދަދެއްގެ ގޮވާތަކެއްޗާ އެއްވަރުގެ އަދަދެއްގެ ބޮމެކެވެ.

މިވީ 3 ހަފްތާގެ ތެރޭގައި އިޒްލޭލުން ގާޒާއަށް އެޅި ބޮމާއި ގޮވާތަކެތީގެ އަދަދު 12،000 ޓަނަށް މިހާރުވެސް ވަނީ އަރާފައެވެ.

އޮކްޓޯބަރު 7، 2023 އިން އޮކްޓޯބަރު 24، 2023 އަށް ބަލާނަމަ ގަޒާގެ ސައިޒުގެ ނިސްބަތުން ކޮންމެ ސްކެއާކިލޯމީޓަރަކަށް 33 ޓަނުގެ ގޮވާތަކެތި ވަނީ އަޅާފައެވެ.

ރޭ އެކަނިވެސް 300 ތަނަކަށް ހަމަލާ ދީފައި ވާ އިރު މި ފައިތުވި 3 ހަފްތާގެ ތެރޭގައި؛

  • ޝަހީދު ކޮށްލި އަދަދު: 8،525
  • އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިން: 3،542
  • އެއްކޮށް ބިމާ ހަމަކޮށްލި އިމާރާތް: 16،000
  • ހަލާކު ކޮށް ފަޅުކޮށްލި އިމާރާތް: 10،656
  • އެކިވަރުގެ ގެއްލުންތައް ލިބިފައި ވާ އިމާރާތް: 160،000

ބައެއް ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުން އަވަށްތައް ހުރި ގޮތަށް ވަނީ އަންދާ އަޅިއަށް ހަދާފައެވެ. އެގޮތުން ބައިތް ހަނޫން އައި އަޓާރާ އާއި އަލް ކަރާމާގެ އިތުރުން ގާޒާ ސިޓީ އާއި ގާޒާގެ ބޮޑެތި އަވަށްތައް ހިމެނެއެވެ.

ގާޒާގެ އުތުރުގެ އިތުރުން ދެކުނުގެ ހާން ޔޫނިސް އާއި، އިޒްރޭލުގެ އަނެއް ފަޅީގައި އޮންނަ ހުޅަނގު އައްސޭރިއަށް ހަމަލާ ދީ އެތަންތާނގެ ބައެއް އިމާރާތްތައް ވެސް ވަނީ މިބާ ހަމަކޮށްފައެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެންމެ ވަރުގަދައަށް ހަމަލާ ދެނީ ގާޒާ އާއި ގާޒާ ސިޓީއަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އަނދާ އަޅިއަށް ވެފައި ވާ ގާޒާގެ އަވަށެއް

ބޮން އަޅަމުން، ކަނޑުމަގުން އަދި އެއްގަމުން ހަމަލާ ދެމުން ގެންދާއިރު މި ހިނގަމުން ދާ 48 ގަޑިއިރުގެ ތެރޭގައި އެއްގަމު މަގުން ބުލްޑޯޒަރު އަޅަމުން އިމާރަތްތައް ވައްޓަމުން ބިޔަ ޓޭންކަރުތަކުގައި ޔަހޫދީން ދަނީ މުޅި ތަން ތަޅާ ސުންނާފަތި ކުރަމުންނެވެ.

އެމީހުންގެ ހަމަލާތަކާ ކުރިމަތިލައި ހަމާސްގެ މުޖާހިދުން ރޮކެޓާއި ބަޑިން ހަމަލާ ދީ، ބައެއް ގެއްލުންތައް ދެމުން ދިޔަ ނަމަވެސް، ޔަހޫދީ ފައުޖުތައް މިހާރު ވަނީ ގާޒާގެ އެތެރެއަށް ވަދެގެންފައެވެ. އެންމެ އެތެރޭގެ މަގުތަކުގައި ޓެންކަރުތަކުގައި ދަތުރުކުރަމުން ދާ އިރު ފެންނަ ކޮންމެ ވެހިކަލަކަށް ހަމަލާދީ ދަނީ ގޮއްވާލަމުންނެވެ.

މިހާތަނަށް 100 ސްކޫލު [ތައުލީމު ދޭ ތަންތަން] ހަލާކު ކޮށްލާފައި ވާ އިރު، އަޅުކަން ކުރާ މިސްކިތްތަކާއި ޗާޗްތައް ހިމެނޭހެން 20 ތަނެއް ވަނީ ގޮއްވާލާފައެވެ. ސިއްހީ ހިދުމަތް ދޭ 26 ތަނަކަށް ގެއްލުން ދީފައި ވާ އިރު، 23 އެމްބިއުލާންސް ވަނި ގޮއްވާލާފައެވެ. އުމްރާނީ ވަސީލަތްތަކުގެ ތެރެއިން 70 ތަނެއް ވަނީ ހަލާކުކޮށްލާފައެވެ. ހަބަރު ފަތުރާ 50 އިދާރާއެއް ވަނީ ހަލާކުކޮށްލާފައެވެ.

2.3 މިލިއަންގެ އާބާދީގެ ތެރެއިން 1.7 މިލިއަން މީހުންނަކީ މިހާރުވެސް އަމިއްލަ ވަޒަނުން ބޭރުކޮށްލުމުގެ ސަބަބުން ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެން މަޖުބޫރުވެފައި ވާ މީހުންނެވެ. އޭގެ ތެރެއިން 47 ޕަސެންޓަކީ ކުޑަކުދިންނެވެ.

ޔަހޫދީން މި ހަނގުރާމަ ހުއްޓުމުގެ ނިޔަތެއް ނެތް އިރު، އަދި ހުއްޓާނެ ކަމެއް ނެތޭ އެމެރިކާއިން ބުނަމުން ދާ އިރު، އިޒްރޭލު ބޮޑުވަޒީރު އަންގަމުން ދަނީ، ގަޒާގެ ހުރިހާ ރައްޔިތުން ކައިރިން މިސްރަށާއި އުރުދުނަށް ފައިބައިގެން ދިޔުމަށެވެ.

އެއީ އިޒްރޭލުގެ ދުރުރާސްތާ ޕްލޭނަކަށް ވާއިރު އިޒްރޭލުން މިހާރު ހިންގާ ގަތުލު އާންމަކީ ފަލަސްތީން ހުސްކޮށް އެތަން އެއްކޮށް ހިސޯރު ކުރުމަށް ހިންގާ ގަތުލު އާންމެކެވެ.