ޗައިނާގެ އަސްކަރީ ބާރު ވަރުދަގަކޮށް ފުޅާ ކުރުމުގެ މަސައްކަތްތަކެއް ކުރާ ކަމަށް ބުނެ އެމެރިކާއިން އާންމު ކުރި ރިޕޯޓާ ގުޅިގެން ޗައިނާއިން އެމެރިކާ އަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ވޫ ކިން ވިދާޅުވީ, އެމެރިކާ އަކީ 240 އަހަރަށް ވުރެ ދޮށީ ގައުމެއް ކަމަށާއި ނަމަވެސް އެ ދިގު ތާރީހުގައި އެންމެ 16 އަހަރު ފިޔަވައި ހަނގުރާމައެއް ނުކޮށް އޮތް މުއްދަތެއް ގޮސްފައި ނުވާ ކަމަށެވެ.

އެމެރިކާ އަކީ ހަނގުރާމައަށް ދެވި ހިފާފައި ވާ ގައުމެއް ކަމަށް ވިދާޅުވަމުން އޭނާ ވަނީ, މިހާރުވެސް ދުނިޔޭގެ 80 ގައުމަކާއި ސަރަހައްދު ހިމެނޭހެން 800 އަސްކަރީ ބޭސް އެމެރިކާއިން ހަދައިގެން ތިބި ކަމަށާއި އޭގެ ތެރޭގައި އަފްގާނިސްތާނުން ފެށިގެން އިރާގާ ހަމައަށް އަދި ލީބިޔާއިން ފެށިގެން ސީރިއާ އާ ހަމައަށް ހިމެނޭ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އެމެރިކާއިން ދިޔަ ކޮންމެ ތަނެއްގެ ރައްޔިތުންނާ ކުރިމަތިލާން ޖެހިފައި ވަނީ 'އަނދަމުން ދާ އަލިފާނާއި ފުންކަން ނޭނގޭ ކަނޑުތަކާ' ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އެމެެރިކާ ދާ ކޮންމެ ސަރަހައްދެގައި ހިނގަމުން ދާ ހަމަނުޖެހުންތަކަށެވެ. އޭގެ މިސާލެއް ދެއްވަމުން ވިދާޅުވީ, ޔޫކްރައިން އާއި މެޑިޓަރޭނިއަން އާއި އިޒްރޭލަށް ހަތިޔާރާއި މަދަދު ދީގެން ހިންގަމުން ގެންދާ އުދުވާނު ފުދޭ ކަމަށެވެ.

"އެހެރީ ފެންނަން, އެމެރިކާ އަކީ ދުނިޔޭގެ ސުލްހަ މަސަލަސްކަން ނަގާލައި އަސާސް, ސަރަހައްދީ ހަމަޖެހުން ނިގުޅައިގަންނަ އެންމެ ބޮޑު ބައިވެރިޔާ"
ވޫ ކިން

އޭނާ ވިދާޅުވީ އެހުރިހާ ސަބަބުތަކަކީ މިއަދުގެ ދުނިޔޭގައި ޗައިނާގެ އަސްކަރިއްޔާގެ ބާރު ކޮންމެހެން ވެސް ގަދަކުރަން ޖެހޭ އެއް ސަބަބު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ޗައިނާގެ އިސްތިގުލާލާއި މިނިވަން ކަމާއި ކުރިއެރުމަށް ނުރައްކާ ވާ އިރު ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި އެއްވެސް ގައުމަކުން އަދި ބަޔަކުވިޔަސް ޗައިނާ އަށް އަރަން ނުވަތަ ޗައިނާ ބައިބާ ކޮށްލަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެ ވާހަކަތައް ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވީ ޗައިނާގެ ގާބިލުކަން އިތުރުކޮށް ވަރުގަދަ ކުރަނީ ޗައިނާގެ ދިފާއުގައި ކަމަށާއި އެއީ އެއްވެސް ގައުމަކާއި އަދި އެއްވެސް ބަޔަކާ ދެކޮޅަށް ތެދުވުމަށް ކުރާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ޗައިނާގެ ނިއުކްލިއާ ގާބިލުކަން މިހާތަނަށް ވެސް ހިފަހައްޓަމުން އައީ ގައުމަށް ބޭނުންވާ އެންމެ ދަށް މިންވަރުގައި ކަމަށާއި ޗައިނާ އިން އަބަދުވެސް އިސްކަން ދެނީ ބައިނަލްއަގުވާމީ ހަމަޖެހުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ބަނދެވިގެން ތިބި ކިތަންމެ މުއާހަދާއަކުން އެމެރިކާ ނިކުމެފައި ވާ ކަމަށާއި އެގޮތުން އެންޓި ބެލެސްޓިކް މިސައިލް ޓްރީޓީ އާއި އިންޓަމީޑިއޭޓް ރޭންޖް ނިއުކްލިއާ ފޯސް ޓްރީޓީ އޭނާ ފާހަގަ ކުރެއްވިއެވެ. އެރޮގުން އޭނާ ވިދާޅުވީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާ ގުޅިގެން އޮސްޓްރޭލިއާގައި ނިއކްލިއާ ސަބްމެރީން ބާއްވަން އެމެރިކާއިން ކުރާ މަސައްކަތަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލައި ނުތަނަވަސް ކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"އެއީ ޑަބަލް ސްޓޭންޑަޑް ވިސްނުމެއްގެ ތެރެއިން ނިއުކްލިއާ ބާރު ވަރުގަދަ ކޮށް އެހެން ފަރާތްތަކުގެ މައްޗަށް އަތްގަދަކުރަން އެމެރިކާ ކުރާ ކަންކަން"
ވޫ ކިން

އެމެކާގެ އާ ރިޕޯޓުގައި ޗައިނާ އަށް ކޮށްފައި ވާ ތުހުމަތުތަކުގެ ތެރޭގައި 2027 އަންނަ އިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އަސްކަރިއްޔާ އަށް އެގައުމުގެ ލިބަރޭޝަން އާމީ (ޕީއެލްއޭ) ހެދުމާއި 2049 އަކަށް ދާއިރު ގައުމީ ރޫހު އޮތް ފައުޖަކަށް ހެދުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރެއިން 2049 އަކަށް އިޝާރާތް ކޮށް ބުނެފައި ވަނީ އޭގެ ތެރޭގައި ޗައިނާއިން ޓައިވާން ހިފުން ހިމެނޭ ކަމަށެވެ.

ޓައިވާނަކީ ޗައިނާގެ ސަރުކާރާ ވަކިން ދާދި ގާތުގައި އިންވެގެން އޮންނަ ކުޑަ ގައުމެކެވެ. ވަން ޗައިނާ ޕޮލިސީގެ ދަށުން ޓައިވާނަކީ ގައުމެއް ކަމަށް ގަބޫލު ކުރަން އެމެރިކާ އަށް ވެސް ނުކެރޭ އިރު އެއީ ގައުމެއް ކަމަށް ބަލައިގަންނަ އޮތީ ހަމައެކަނި 13 ގައުމެކެވެ.

ޓައިވާނަކީ ގައުމެއް ކަމަށް އެމެރިކާއިން ބަލައިނުގަންނަމަވެސް ޓައިވާނުގެ ސަރުކާރަށް އަސްކަރީ އެހީއާއި މަދަދު ދިނުމާއި ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފި ހާލަތެއްގައި ޓައިވާނުގެ ދިފާއުގައި އެމެރިކާގެ ސިފައިން ފޮނުވައިގެންވެސް ޗައިނާ އާ ހަނގުރާމަ ކުރާނެ ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވެއެވެ.

ޓައިވާނާއި ޗައިނާ އަޅާ ކިޔާ އިރު، ޓައިވާނުގެ އާމީގައި ހިމެނޭ މެންބަރުންގެ ކުޑަކުޑަ މިންވަރަކާ ގާތަށް ވެސް ޓައިވާނުގައި އާމީން [ސިފައިން] ނެތެވެ. އަދި އަސްކަރީ ގާބިލުކަމެއް ވެސް ނެތެވެ. މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު އާމީ އަކީ ޗައިނާގެ އާމީ ކަމަށް ވާއިރު އެގައުމުގައި ނިއުކްލިއަ ވޯހެޑްގެ 500 ވޯހެޑް މިހާރުވެސް އެބަހުއްޓެވެ. އަދި 2023 ގައި އެ އަދަދު 1000 އަށް އިތުރު ކުރަން އުޅޭ ކަމަށް ވެސް އެމެރިކާގެ ރިޕޯޓުގައި ތުހުމަތު ކޮށްފައި ވެއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ވޫ ކިން

ޓައިވާނުގެ މައްސަލަގައި ވޫ ވިދާޅުވީ ދެވަނަ ބޮޑުހަނގުރާމަ އަށް ފަހު ޓައިވާން ޗައިނާގެ ދަށަށް ގެންދިއުމަކީ އެއްބަސްވި ކައިރޯ ޑިކްލަރޭޝަނާއި ޕޯސްޓްޑޭމް ޕްރޮކްލޮމޭޝަން ގެ އިތުރުން ވަން ޗައިނާ ޕޮލިސީ އަކީ އދ ގެ ޖެނެރަލް އެސެމްބްލީގެ ނަންބަރު 2758 ގަރާރުން އެއްބަސްވެ ނިންމާފައި އޮތް ކަމެއް ކަމަށެވެ.

މައްސަލަ އުފެދިގެން އުޅެނީ 1992 ގައި ފާސް ކުރި އެ ގަރާރު އެމެރިކާގެ ވަސްވާހާ އެކު ބަދަލުކުރަން މަސައްކަތް ކޮށް ޓައިވާނުގައި އޮތް ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން އެގަމަކީ މިނިވަން ގައުމެއް ކަމަށް ހަދަން ވަކާލާތު ކުރަން ފެށުން ކަމަށެވެ. އަދި މަޝްރަހު ނުތަނަވަސް ކުރުމަށް އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމާއި ޗައިނާގެ މައްޗަށް ނުފޫރު ފޯރުވުމުގެ ހަތިޔާރަކަށް ޓައިވާން ބޭނުން ކުރަން މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ސަރަހައްދު ހިމާޔަތް ކޮށް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަކީ އެކަށީގެންވާ އަދި ހުއްދަ ކަންކަން ކަމަށާއި ގާނޫނީ ގޮތުންވެސް ކުރެވޭނެ ކަންކަން ކަމަށެވެ.

އެހެން ކަމުން ޓައިވާނަށް ހަތިޔާރާއި މަދަދު ދީގެން މަޝްރަހު ނުތަވަސް ކުރަން އެމެރިކާ ނޫޅުމަށް ވެސް ވޫ ވަނީ ގޮވާލައްވާފައެވެ.

އިތުރަށް އޭނާ ވިދާޅުވީ ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން އެމެރިކާ އާ އެކު އޮންނަ ގުޅުން ދަމަހައްޓަން ޗައިނާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި ގުޅުން ގޯސްވާ ކޮންމެ ފަހަރަކީ އެމެރިކާއިން ކުޅޭ ކުޅިަވރުތަކުން ގޯސްވާ ފަހަރުތައް ކަމަށެވެ.

"ޗައިނާ [ޕީޕަލްސް ރިބަލްލިކް އޮފް ޗައިނާ] އުފެދުނީއްސުރެ މި ވީ 70 އަހަރުގެ ތެރޭގައި ޗައިނާ އިސްވެ އެއްވެސް ހަނގުރާމައެއް ކޮށްފައެއް ނޯންނާނެ, ގައުމެއްގެ ސަރަހައްދުން އިންޗިއެއްވެސް ހޯދާފައެއް ނޯންނާނެ"
ވޫ ކިން

ވޫ އިތުރަށް ވިދާޅުވީ, އެމެރިކާއިން މަސައްކަތް ކުރަނީ ޗައިނާގެ އަސްކަރިއްޔާ އާ ގުޅޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފައްދާ އޮޅުވާލަން ކަމަށެވެ. އަދި އެމެރިކާއިން އާންމު ކުރި ރިޕޯޓާ ދެކޮޅު ހަދާ ކަމަށާއި އެމެރިކާއިން ދައްކަން މަސައްކަތް ކޮށްފައި ވަނީ ނެތް ކަމެއް އޮތް ކަމަށް ހަދައި ޗައިނާގެ އަސްކަރިއްޔާ އަކީ ބިރެއް ކަމުގައި ދެއްކުމަށް ކަމަށެވެ.

ދުނިޔޭގެ އެތަން މިތަނަށް ޗައިނާގެ އަސްކަރިއްޔާ ފުޅާ ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އެ ރިޕޯޓުގައި ކޮށްފައި ވާ އިރު، އެމެރިކާ އާ ހިލާފަށް ޗައިނާގެ އަސްކަރިއްޔާއެއް ގައުމުން ބޭރުގައި އޮތީ ހަމައެކަނި ޖިބޫޓީގައެވެ.