އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، ދުވާލެއްގެ މައްޗަށް 400 އެއްހާ ފަލަސްތީންގެ ރައްޔިތުން އަންނަނީ ޝަޙީދު ވަމުންނެވެ. އެތައް ބަޔަކު ޝަހީދުވަމުން އަންނަ އިރު، މި ހަމަލާތަކުގެ ޝިކާރައަށް ވަނީ ގިނައިން ކުޑަކުދިންނާއި އަންހެނުންނެވެ. އޭގެ ތެރޭގައި ތުއްތު އެތައް ކުދިންތަކެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

އިޒްރޭލުން ގާޒާއަށް ދިން ބޮމުގެ ހަމަލާތަކުގެ އެންމެ ފަހުގެ ޝިކާރައަކަށްވި އުދޭ އަބޫ މުހްސިން މި ދުނިޔެއަށް ލޯ ހުޅުވާލީ އިއްޔެއެވެ. އޭނާ އުފަންވިތާ އެއް ދުވަސް ފުރުނު ދުވަހު އެ ކުއްޖާ މި ވަނީ ޔަހޫދީން ދިން ހަމަލާގެ ޝިކާރައަކަށް ވެ ޝަހީދު ވެފައެވެ.

އިޒްރޭލުގެ ސިފައިން ގާޒާއަށް ދެމުންދާ ހަމަލާތަކާއި ގާޒާގެ ހާލަތު ކަވަރު ކުރުމުގައި ހަކާތްތެރިވަމުންދާ ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ބެލާލް ހާލިދު ވަނީ އެ ތުއްތު ކުއްޖާ ކަފުން ކޮށްފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެ ފޮޓޯ ހިއްސާކުރަމުން އޭނާ ބުނެފައި ވަނީ، މިއީ އުދޭ އަބީ މޮހްސެން ކަމަށާއި އޭނާގެ އުމުރަކީ އެއް ދުވަސް ކަމަށެވެ. އުފަންދުވަހުގެ ސެޓްފިކެޓެއް ނުދެވި އުޅެނިކޮށް ދޫކުރަން ޖެހުނީ މަރުގެ ސެޓްފިކެޓް ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދެމުން އަންނަތާ 3 ހަފްތާ ވެފައިވާ އިރު، ގާޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު 8005 އަށް ވަނީ އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 3324 ކުޑަކުދިންނާއި 2062 އަންހެނުންނާއި އުމުރުން ދުވަސްވީ 406 މީހުންނެވެ.