އަމިއްލަ މިނިވަންކަމުގެ ދިފާއުގައި މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ދެކޮޅަށް އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ. ހަނގުރާމަ އިއުލާންކޮށް ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މި ވަނީ 8005 އަށް އަރާފައެވެ.

ޓައިމްސް އޮފް ގާޒާއިން ރިޕޯޓް ކުރާ ގޮތުގައި، ޝަހީދުވި މީހުންގެ އަދަދު މިހާރު 8005 އަށް އަރާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 3324 ކުޑަކުދިންނާއި 2062 އަންހެނުންނާއި އުމުރުން ދުވަސްވީ 460 މީހުންނެވެ. އޮކްޓޯބަރު 7 ގެ ފަހުން ދެމުންދާ ހަމަލާގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 20،000 އިން މައްޗަށް ގޮސްފައިވާ ކަަމަށް ވެސް އެ ނޫހުން ރިޕޯޓް ކުރެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މީހުން ދިރިއުޅޭ އެތައް ގެއެއް ފަނޑުފުނޑުވެ ބިމާ ހަމަވެފައިވާ އިރު، ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި ގިނަ ބަޔަކު ތިބޭނެ ކަމަށް އެ ގައުމުގެ ސިއްހަތާ ވެހޭ ވުޒާރާއިން ބުނެއެވެ. އެ ގޮތުން މިހާރު 1870 މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ އިރު އޭގެތެރޭގައި 1020 ކުޑަކުދިން ހިމެނޭ ކަމަށް ޓައިމްސް އޮފް ގާޒާއިން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، ގާޒާއަށް ދިން ހަމަލާގައި މުޅި ގާޒާއިން މުއާސަލާތީ ހިދުމަތް ވަނީ ކެނޑިގެން ދިޔައެވެ. ކަރަންޓާއި، ފެން ނުލިބޭ އިރު، ކާބޯތަކެތީގެ ދަތިކަމާ ވެސް އެތައް ބަޔަކު އަންނަނީ ހަނގުރާމަ ކުރަމުންނެވެ. ސާފު ބޯފެން ނުލިބުމުގެ ސަބަބުން ބަލިމަޑުކަމާ ކުރިމަތިލަމުންދާ އެތައް ބަޔަކު އެބަ ތިބި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތައް އެތައް ގައުމަކުން ކުށްވެރިކޮށް އަޑުއުފުލަމުން ދިޔަ ނަމަވެސް އަދި ވެސް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާކަށް އިޒްރޭލަކުން ގަސްތެއް ނުކުރެއެވެ. އެންމެ ފަހުން އިޒްރޭލުން ވަނީ ގާޒާގައި ހުންނަ އަލްގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިންޒާރު ދީފައެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި އެތައް ބަޔަކު އެޑްމިޓްކޮށްފައިވާ އިރު، އިންކިއުބޭޓަރުތަކުގައި ތިބި އެތައް ކުދިންތަކެއްގެ ފުރާނައަށް ގެއްލުންވާނެ ކަަމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެއެވެ.

އެ ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލުން އިންޒާރު ދީފައިވާ އިރު، ދާދި ފަހުން އިޒްރޭލުން ވަނީ އެ ހޮސްޕިޓަލާ ވަަރަށް ގާތަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ.

މީގެ ކުރިން ވެސް އިޒްރޭލުން ވަނީ ގާޒާގައި ހުރި އަލްއަހްލީ ހޮސްޕިޓަލަށް ހަމަލާއެއް ދީފައެވެ. އެ ހާދިސާގައި 500 އެއްހާ މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.